ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޤައުމީ ފެންވަރުގައި އިޤްތިޞާދީ ލަފާ ދެއްވޭނެ ވަރުގެ އެޑްވައިޒަރީ ކައުންސިލެއް ޤާއިމުކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށްޓަކައި ގިނަ ބައެއްގެ ލަފާ ހޯދުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން މިވަގުތު ޤައުމީ ފެންވަރުގައި އިޤްތިޞާދީ ލަފާ ދެއްވޭނެ ވަރުގެ އެޑްވައިޒަރީ ކައުންސިލެއް ޤާއިމުކޮށް އެބޭފުޅުންގެ ވިސްނުމުގެ މައްޗަށް އިސްތިރާޖީ ޕްލޭނެއް އެކުލަވާލުން މުހިއްމު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާއެއްގައި، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު މުހައްމަދު ޖަލީލު ވިދާޅުވީ، މިދިޔަ 40 އަހަރުގެ ތެރޭގައި ދުނިޔެއަށް 16 "އިކޮނޮމިކް ޝޮކް" ކުރިމަތިވި ކަމަށާއި، މިފަދަ ޝޮކްތަކުން އަރައިގަތުމަށްޓަކައި ކޮންމެ ފަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށެވެ. އެކަން އެގޮތަށް ކުރުމުގެ ސަބަބުން ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން އާދައަކަށްވެ، އިގްތިސާދު ކުރިއަރުވައި މާލިއްޔަތު އިތުރު ކުރުމުގައި އިތުރު ގޮތްތަކެއް ވެސް ހޯދިފައިނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިކަމުގައި ޖަލީލުގެ ވިސްނުވާ ދެކޮޅު ހައްދަވައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުން ލޯނު ނެގުން ނޫން އިތުރު ގޮތެއް މިވަގުތަށް ނެތް ކަމަށެވެ. އަދި މިދިޔަ ތިން މަހަށް ބަލާއިރު ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރެވެނިއު ހުރީ ސުމެއްގައި ކަމަށާއި، މީގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ދާއިރާ ހުއްޓި، އެކްސްޕޯޓުގެ ދާއިރާ އިންތިހާ އަށް ދަށްވުން ކަމަށް ނަސީރު ވިދާޅުވިއެވެ.

މާލީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް 189 މިލިއަން ޑޮލަރު ވަނީ ހޯދައިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓަކީ ލޯނު އެހީ އެވެ.

ވޯލްޑް ބޭންކުން ލަފާކުރާގޮތުގައި މި އަހަރު ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން