އޭސީސީގެ ގާނޫނުން އެ ކޮމިޝަންގެ ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށް ސިވިލްކޯޓުން ކަނޑައަޅައިފިއެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އޭސީސީން ސިވިލްކޯޓުގައި އެދުމުން އެކޯޓުން އިއްޔެ ނިންމާފައިވަނީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ އޭސީސީގެ ގާނޫނުން އެ ކޮމިޝަންގެ ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އޭގެއިތުރުން އޭސީސީގެ އެންގުމަށް ފުލުހުން އަމަލު ނުކުރުމަކީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކަށް ހުރަސް އެޅިގެންދާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަ ވާންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން މިދިޔަ އޮކްޓޫބަރު އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އެންގި ނަމަވެސް ފުލުހުން ވަނީ އެ އެންގުމަށް އަމަލުކުރަން ދެކޮޅު ހެދުމަށްފަހު ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދީފަ އެވެ.

އެކަމާގުޅިގެން އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް ފުލުހުން އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށާއި, އެ މައްސަލަ ނިމެންދެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން