ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އައްޔަނުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރި ކަމުގެ ފަތްކޮޅު ޝުޖާއުއާ ހަވާލުކުރައްވާފަ އެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1997 ގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

ޝުޖާއު ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ޙާސިލުކުރަށްވައި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މެނޭޖުމަންޓު ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރަށްވާފައެވެ. ޢަލީ ޝުޖާޢު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މި މަހު 19 ވަނަ ދުވަހު ހަމަވިއިރު، އެ މަގާމަށް ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޑް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ. އެގޮތުން ޕޮލިސް ބޯޑުން ދާޚިލީ ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ސީޕީގެ މަޤާމަށް ޢައްޔަނު ކުރާނެ ބޭފުޅަކު ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ސީޕީގެ މަޤާމް އެންމެ ފަހުން ފުރުއްވާފައިވަނީ މުޙައްމަދު ހަމީދެވެ. 15 ނޮވެމްބަރު 2023ގައި ހަމީދު އެމަޤާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން މިހާރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްޢޫލިއްޔަތުތައް އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން