ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
މެއި 6 ގެ ޙަމަލާއާއި ގުޅިގެން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމުގެ މައްޗަށް ދަޢުލަތުން އުފުލި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ޙަމަލާދިންކަމަށް ތުހުމަތުކޮށް ތަސްލީމުގެ މައްޗަށް ދަޢުލަތުން އުފުލީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެވެ. ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ މައްޗަށް ދަޢުލަތުން އުފުލި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާއަށްފަހު ރައީސް ނަޝީދު ވަނީ އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގައިވެސް އެމަނިކުފާނުވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ އަލީ މަނިކާއި، ތަސްލީމްގެ އިތުރުން، ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

އޭގެތެރެއިން އަދުހަމް ދައުވާތަކަށް އިއުތިރާފްވުމުން 23 އަހަރުގެ ޖަލުހުކުމެއްވަނީ އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން