ޢާއިޝަތު އާޒިމާ ޝަކޫރު
ޢާއިޝަތު އާޒިމާ ޝަކޫރު
މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރަށްވާ ޢާއިޝަތު އާޒިމާ ޝަކޫރަށް ރައްދުވާގޮތަށް 1.9 މިލިއަން ރުފިޔާގެ މައްސަލައެއް ސިވިލް ކޯޓަށް ހުށައަޅާފައިވާކަމަށް ބުނެ މީޑިއާގައި ފެތުރީ ދޮގު ޚަބަރެއް ކަމަށް ސިވިލް ކޯޓުން ހާމަކޮށްފިއެވެ.

ސިވިލް ކޯޓުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އާޒިމާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް" މި ސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވަނީ އެއްވެސް އަސްލެއްނެތް ދޮގު ޚަބަރެއް ކަމަށެވެ.

އޭގެ އިތުރުން މާދަމާ އެމައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވާ ކަމަށް ބުނެފައިވާއިރު އެފަދަ މައްސަލައެއް ސިވިލް ކޯޓްގައި ރަޖިސްޓްރީ ވެސް ކޮށްފައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ސިވިލް ކޯޓުން ބުނީ މައްސަލައިގެ ލިޔެކިޔުންތައް ކަމަށް ބުނެ ނޫހުގައި ހިމަނާފައިވާ ލިޔުންތަކަކީ ވެސް ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި ކޯޓާއިމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ޚަބަރު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކޯޓުން ވަނީ ދީފައެވެ.

"މިފަދަ އަމަލުތަކަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ކަމަށް ބަލައި އެފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަން އަންގަމެވެ،" ސިވިލްކޯޓްގެ ބަޔާނުގައި ވެއެވެ.

މި މައްސަލަ ސިވިލްކޯޓުގެ ސަމާލުކަމަށް ގެނެސްފައި ވަނީ އާޒިމާގެ ޤާނޫނީ ވަކީލުންނެވެ. އާޒިމާގެ ފަރާތުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށައަޅާފައިވާއިރު މި މައްސަލާގައި އަބުރުގެ ދަޢުވާ ކުރާނެކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން