ފުލުހުންނާއި، ޕީޖީ އޮފީހާ ދެމެދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ފުލުހުންނާއި، ޕީޖީ އޮފީހާ ދެމެދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބޭއްވެވި ބައްދަލުވުމެއްގައެވެ. މިބައްދަލުކުރެއްވުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.



"ކޮމިޝަނަރގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަވަން ޤަޞްދުކުރައްވާ ޕްރޮގްރާމްތަކާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އެޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް އެރުވިއެވެ." މި ބައްދަލުވުމާ ގުޅޭގޮތުން ޕީޖީން ޢާއްމު ކޮށްފައިވާ ލިޔުމުގައިވެއެވެ.

އޭގެ އިތުރުން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ހަމައެއާއެކު، މުވައްޒަފުން ތާޒާކުރުމުގެ ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ކުރިއަށްދާނެ ގޮތްތަކެއް ކަނޑައެޅުނު ކަމަށްވެސް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

މިބައްދަލުކުރެއްވުމުގައި، ޕީޖީ އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން