މާފަންނު ހުޅަނގު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް އަބޫބަކުރު ކުރީގެ ރައިސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ،ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އާއި މިއަދު ގުޅިވަޑައިގެންފި އެވެ.

މިހާރު ވެރިކަންކުރާ ކޯލިޝަން، ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އިބްރާހީމް އަބޫބަކުރު އެކޯލިޝަން ދޫކުރައްވާ ޕީއެންއެފްއާއި ގުޅިވަޑައިގެންނެވުމަށް ފަހު ވިދާޅުވީ އެކޯލިޝަން މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި މިއަދުން ފެށިގެން އޭނާ ހުންނަވާނީ ކުރީގެެ ރައިސް ޔާމީނާ އެކު ޕީއެންއެފްގައި ކަމަށެވެ.

"[ޕީއެންއެފްއާ ގުޅިވަޑައިގަތީ] ރައީސް ޔާމީނުގެ ފޮޓޯއާއި ނަން ހުސްގޮނޑީގަ ޖައްސަވައިގެން އައި ސަރުކާރުން އެބޭފުޅާ މިނިވަންކުރުމުގެ ނަމުގައި އައިސަ ރައީސް ޔާމިން މިނިވަންކޮއްފައި ނުވާތީ." އިބްރާހީމް އަބޫބަކުރު ވިދާޅުވި އެވެ.

މީގެއިތުރުންވެސް އަބޫބަކުރު ވިދާޅުވީ އޭނާ ޕީއެންއެފްއަށް ބަދަލުވީ މާލެ ސިޓީ ކައުންސިލުން ބޭނުންވާގޮޮތަށް މިހާރު އެ ކައުންސިލުގެ މަސައްކަތްތައް ނުހިންގޭތީ ކަމަށާއި ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާތީ ކަމަށެވެ.

މިކަމާގުޅިގެން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވަނީ މީ ރައީސް ޔާމީނަށާއި ޕީއެންއެފްއަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. އަދި މަލީހް ވަނީ ޕީއެންއެފްގެ ހުރިހާ މެމްބަރުންގެ ފަރާތުން އަބޫބަކުރަށް މަރުހަބާ ދަންނަވާފަ އެވެ.

މަލީހް އިތުރަށް ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ގިނަ ފަރާތްތަކަކީ ރައިސް ޔާމިިންގެ ތަރައްގީ ފަލްސަފާ ގެންގުޅުއްވާ ފަރާތްތައްކަމަށެވެ. އެގޮތުން މަލީހް ވިދާޅުވީ އިބްރާހިމް އަބޫބަކުރުގެ ކުރިންވެސް މާލެ ސިޓީ ކައުންސިލްގައި އިންނެވި އައިޝަތު ނާޒިމާވެސް ޕީއެންއެފްއާ ގުޅިވަޑައިގެންފައި ވާކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ މިހާރު ކައުންސިލުން މަސައްކަތް ކުރަމުންދަނީ މާލޭގައި ދިމާވާ މުހިންމު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން މަލީހް ވަނީ މިއަދު މާލެއަށް ވެހެމުންދާ ވިއްސާރައިގައި މަގުތައް ފެންބޮޑުވުމުގެ މައްސަލަ ފާހަގަކުރައްވައި ރައީސް ޔާމީނުގެ އިރުޝާދު އިހްތިޔާރުކުރައްވާނަމަ އެފަދަ މައްސަލައެއް ދިމާނުވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުންވެސް މަލީހް ވިދާޅުވީ ރައީސް ޔާމީން ވަރަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި އެ މަސައްކަތްތަކަކީ އަމާނާތެއް ކަމަށެވެ.

މަލީހް އިރުރަށް ވިދާޅުވެފައިވަނީ ހައިކޯޓުގައި ޕާކުކުރެވިފައިވާ ރައީސް ޔާމީނުގެ މައްސަލައަކީ ޕީއެންއެފްގެ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވީހާވެސް އަވަހަކަށް ތާވަލުކޮއްދިނުމަށް މަލީހް ވަނީ އެދިވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން