ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ކުށް ފާޅުވުމުގެކުރިން ކުށް އުފެދުމަށް ހުރި މަގުތައް ނައްތާލަން މަސައްކަތްކުރަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ލ. މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޝުޖާޢު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުންކަމަށެވެ.

ހަމައެއާއެކު ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި މަގުތަށް ނައްތާލަން މަސައްކަތްކުރަންޖެހޭކަން ސީޕީ ޝުޖާޢު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައްޔިތުންނާ ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ސީޕީ މިއަދު ވިދާޅުވިއެވެ.

މި ކުޑަ ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ގައުމަކަށްވުމާއި، އެހެން ގައުމުތަކާ އަޅާބަލާއިރު ކުށް ދައުރުވުން ހަލުވި ގައުމަށްވީ ނަމަވެސް ރައްޔިތުންނާ ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް މިގައުމު ވެގެންދާނެކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްކަމަށް ސިޕީ ވިދާޅުވިއެވެ.

މިއަދު ލ. މާބައިދޫގައި ބޭއްވި ރަސްމިއްޔާތުގައި މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން