އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   14 ޖެނުއަރީ 2024 - 22:45
މިދިޔަ ހުކުރު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އިމާރާތްތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުން 1،111،842.50 ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ނެރެފައިވާ އަދާހަމަ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިމަހު 12ވަނަ ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން 494 ކޯލް ލިބިފައިވާ ކަމަށެވެ. އަދި މިއަދަދަކީ އެންޑީއެމްއޭއަށާއި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ދިވެހި ރެޑްކްރެސެންޓަށް ޖުމްލަކޮށް ލިބުނު ކޯލްތަކުގެ އަދަދު ކަމަށްވެސް ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 227 ތަނަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އަދި އޭގެތެރެއިން 193 ތަނަކަށް އިޖާބަދީފައިވާކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުންވެސް މާލެ ސިޓީކައުންސިލުގެ އެހީއާއެކު ފުލުހުންނާއި ސިފައިން އަދި ޕަބްލިކް ވޯކްސްގެ ފަރާތުންވަނީ 152 ތަނެއްގައި 1018 ވިލިބަސްތާ ޖަހާފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ. އަދި މިސަރަހައްދުތަކުގައި ގޭގޭގެ އިތުރުން ސްކޫލް، ފިހާރަ އަދި ގުދަންތައްވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ވިއްސާރަވި ހުކުރު ދުވަހު ދިވެހި ރެޑް ކްރެސެންޓުން ރެޕިޑް އެސެސްމެންޓް ދެވުނީ 43 ގޭބިސީއަކަށް ކަމަށް އެންޑީއެމްއޭއިން ބުނެފައިވާއިރު 18 ގޭބިސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނާގޮތުން 78 ތަނެެއް ޑެމޭޖް އެސެސްމެންޓް ހަދަންޖެހޭކަމަށް ނިންމާފައިވާއިރު 53 ގޭބިސީއެއްގައި އެސެސްމެންޓް ނިމި އޭގެތެރެއިން 48 ގެއަކަށް އެހީތެރިކަން ފޯރުކޮއްދޭން ނިންމާފައިވެ އެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ފެންބޮޑުވުމުގައި ލިބިފައިވާ ގެއްލުންތަކަށް ސަރުކާރުން 711،541.70 ރުފިޔާ ދޭން ނިންމާފައިވާކަމަށާއި އޭގެތެރެއިން 100،075.20 ރުފިޔާއަކީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނުު ގެއްލުންތަކުގެ 20 އިންސައްތަ ކަމަށެވެ. އަދި 611،466.50 ރުފިޔާ ދޭން ނިންމާފައިވަނީ އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރުމަހު 31ވަނަ ދުވަހު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 20 ގެއެއްގައި އަލުން އެސެސްމެންޓް ހެދި އެހީދެވިފައިވާ ކަމަށެވެ. އަދި އެއޮތޯރިޓީއިން ބުނިގޮތުގައި ކައިރިކައިރީގައި ފެންބޮޑުވުމުގެ ކާރިސާތައް ހިނގުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރުމަށްް ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން