ފުލުހުންނާއި، ޕީޖީ އޮފީހާ ދެމެދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ފުލުހުންނާއި، ޕީޖީ އޮފީހާ ދެމެދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި ބަންދުގައިތިބޭ މީހުން ބަންދުން ދޫކޮށްލާނަމަ، ޝަރުޠާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަކީ މުހިންމުކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީން މިއަދު ބުނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު، ޝަރުޠުކޮށްފައި ބަންދުން ދޫކުރެވިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގައި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށް އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެކަމަށް އޮންނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ޖިނާއީ ކުށެއްގައި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާ ޙާލަތުގައި، މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި، ތުހުމަތުކުރެވޭ މީހާގެ ޙާލަތަށް ރިޢާޔަތްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަކި ޚާއްސަ ޝަރުޠެއް ހިމެނުމަށް އެދޭނަމަ، އެކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުޞަތަކީ ޤާނޫނުން ފުލުހުންނަށް ލިބޭންޖެހޭ ފުރުޞަތެއް ކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށް ޕީޖީން ނެރުނު ބަޔާނުގައިވެއެވެ.

"މިހާރުވެސް ބައެއް ކޯޓުތަކުން އެފުރުޞަތު ދެއްވައެވެ. ނަމަވެސް، ބައެއް ކޯޓުތަކުގައި އެފުރުޞަތު ފުލުހުންނަށް ނުލިބޭ ކަމުގެ ޝަކުވާލިބޭތީ، ޤާނޫނުން ލިބޭ ފުރުޞަތު، ހުރިހާ ކޯޓެއްގައި އެއްގޮތަކަށް، ފުލުހުންނަށް ލިބުމަކީ، މިނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއޮފީހުން ދެކެމެވެ. އޭރުން، އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ، އެކި ގޮތްގޮތަށް މުޖްތަމަޢަށް ދޫވާ މީހުންނަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެއްވޭނެއެވެ." ޕީޖީން ބުނެފައިވެއެވެ.

ޕީޖީން މިމޭރުމުން ބުނެފައިވާއިރު ޖިނާއީ މައްސަލައެއްގައި މީހަކު ބަންދުގައި ބަހައްޓަން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ހުއްދަކޮށްފައި ވަނީ ފަސް ކަމެއް ފުރިހަމަވާނަމައެވެ.

އެއީ، އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައާއި، ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި؛ ނުވަތަ ފިލައިފާނެ ކަމަށްޓަކައި؛ ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން