ހުޅުމާލޭން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ އަޙްމަދު މޫސާ އަންމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ.

އަދި ކްރިމިނަލް ކޯޓުގެ އެ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ނިންމި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ.

އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައި ވަނީ 06 ޑިސެންބަރު 2023 އިން ފެށިގެން 25 ޑިސެންބަރު 2023 އާ ހަމައަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އަންމަޓީ މީގެ ކުރިންވެސް ފިލައިގެން ގޮސްފައިވާއިރު އޭނާ ފިލުމުގެ އިހުތިމާލު އޮތުމުގެ ހާާލަތަށް ބަދަލެއް އައިކަން ފެންނަން ނެތް ކަމަށެވެ. އޭގެ އިތުރުން އަންމަޓީ މިހާރު ކޯޓަށް އެއްބާރުލުން ދެމުން ދިއުމަކީ އޭނާ ފިލުމުގެ އިހުތިމާލު ނެތްކަމެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ނިންމި ގޮތެއް ސާފު ނުވާ ކަމަށްވެސް ޙުކުމުގައިވެއެވެ.

އޭގެ އިތުރުން ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ފުރައިގެން ދިޔުމުގެ ހުއްދަ ދޭން ވާނީ، ޕާސްޕޯޓް ދޫކޮށްލުމުގެ ބަދަލުގައި، އޭނާއަށް ފިލައިގެން ނުދެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އެ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބެއްލެވި މައްސަލާގައި ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނީ އަންމަޓީ ފުރަން ހުއްދަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ އަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށްވާތީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަށް ކޮށްފައިވާ އަމުރު ބާތިލްކުރާ ކަމަށެވެ.

އަދި ހައިކޯޓުން މިމައްސަލާގައި ކުރި ހުކުމަކީ ގާނޫނީ ހަމައިގެ ތެރެއިން ކުރި ހުކުމެއް ނޫންކަމަށާއި އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލްކުރާކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

މާރިޗު 2014 ގައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.

އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޯޓަށް ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އަންމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކަކާއި ގުޅިގެންނެވެ. އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން