ޖިނާއީ ބޮޑެތި މައްސަލަތަކުގައި އިސްތިއުނާފީ މަރުހަލާ ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުން ދަމަހައްޓަންޖެހޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ތާރީޚީ ޕްރިސީޑެންޓެއް ޤާއިމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި ޕްރިސީޑެންޓް ޤާއިމްކުރީ ވ. ތިނަދޫ ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރުގެ އިސްތިއުނާފް ޙުކުމުގައެވެ.

މިއަދު ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައި ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔުގައި ވިދާޅުވީ، ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ފަނޑިޔާރު ސުޢޫދުގެ މި ރަޢުޔަށް ފަނޑިޔާރު މަހާޒް ވަނީ ތާޢީދު ކުރަށްވާފައެވެ.

ސުޢޫދުގެ ރަޢުޔުގައި އިތުރަށް ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެއާއެކު، ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާއެކު، އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއްކަން ފަނޑިޔާރު ސުޢޫދު ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ޖިނާއީ ބޮޑު މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ދައުވާލިބޭ މީހެއްގެ ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ދިވެހިރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއްކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް އެ ރައުޔާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށްފަހު، އެ މީހަކު ބޭސްފަރުވާ ނިމުމުން އެނބުރި ދިވެހިރާއްޖެއަށް އަންނާނެކަން ކަށަވަރުކުރުމަށް ޝަރުތުކޮށްފައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ،

އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށާއި، މިގޮތުން ކަނޑައަޅާ ޝަރުތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެކަމަށްވެސް އެރަޢުޔުގައި ބަޔާން ކުރައްވާފައިވެއެވެ.

އަދި ބޭސް ފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ދިވެހިރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް އެކަމަށް އިއުތިރާޒު ނުކުރާނަމަ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދުވަނީ ކަނޑައަޅާފައެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބެއްލެވި މި މައްސަލާގައި ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނީ ސީލައިފް ސްލޯބަލްގެ ވެރިޔާ އަޙްމަދު މޫސާ އަންމަޓީ ރާއްޖޭން ބޭރަށް ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ އަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށްވާތީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަށް ކޮށްފައިވާ އަމުރު ބާތިލްކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން