ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު
ޒިކުރާ މިސްކިތުގެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލާގައި ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ނަމަވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، އެކަން ހައިކޯޓަށް އިއްޔެ އަންގާފައެވެ. އެހެންކަމުން ހައިކޯޓުން މިހާރުވަނީ އެ މައްސަލަ ބާތިލް ކޮށްފައެވެ.

ޒިކުރާ މިސްކިތުގެ މައްސަލާގައި ޑރ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ދަޢުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންނަށްވެސް ކުށް ސާބިތު ނުވާކަމަށް ޙުކުމް ކޮށްފައެވެ.

މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެސްޖޭއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު، ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018 ގައެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުގެ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި، އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018 ގަ އެވެ.

މި މައްސަލާގައި ޑރ އަހުމަދު ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސައީދުގެ ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޑރ. ޒިޔާދުވަނީ ދަޢުވާއަށް އިންކާރުކުރަށްވާފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން 2021 ވަނަ އަހަރުގެ ނޮވެމްބަރ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސަޢީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތްކަމަށްވެސް ގާޒީ މިސްބާހް ވިދާޅުވިއެވެ. އެހެންކަމުން ޝަރީޢަތުން ކަނޑައަޅާފައިވަނީ އެ ދެފަރާތުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން