ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވަން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ނ. ތޮޅެންދުއަކީ 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ.

ކުރީގެ ސަރުކާރުން ވަނީ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމަކަށްވާތީ އާއި، ނ. ތޮޅެންދޫއަކީ އެ އަތޮޅުގެ އެއްވެސް ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިވާ ރަށަކަށް ނުވާކަމުގައި ބަލައި، އެރަށް ހިމެނޭހެން 5 ރަށެއް، ބީލަމުގެ އުޞޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރުން އެގޮތަށް ނިންމުމުން ފަޅުރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން އަމުރުކުރީ ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ.

ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިމެންދެން، ރަށް ކުއްޔަށް ދިނުން މަޑުޖައްސައިލަން އަމުރު ނެރެފައެވެ. އަދި އެ އަމުރަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ހައިކޯޓުން ސިވިލް ކޯޓުގެ ނިންމެވުމަށް ތާއީދުކުރުމުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ ދަޢުލަތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ތޮޅެންދޫ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅައިދިނުން ކަމަށްވާތީ، މައުޟޫއީ ގޮތުން މައްސަލައާމެދު ވަކި ގޮތެއް ނިންމަންޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމި ނިންމުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައެއް ކަމުގައި ވީހިނދު، މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ނ. އަތޮޅުގެ ފަޅުރަށްތަކުގެ އިޚްތިޞާޞާ ގުޅިގެން ހުށަހަޅާފައިވާ ކަންތައްތަކާމެދު ގޮތް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ." ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.

އެހެންކަމުން ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ނެރެފައިވާ އަމުރު ބާތިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ މި ރަޢުޔަށް ފަނޑިޔާރު ޢާއިޝަތު ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވަނީ ތާޢީދު ކުރަށްވާފައެވެ.

ނ.އަތޮޅު ކައުންސިލުން ވަނީ ތޮޅެންދޫ އެހެން ބަޔަކަށް ކުއްޔަށް ދިނުމުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް އެ ރަށުގެ ބޭނުން ހިފުން މަނާވާތީ އެކަމާ ދެކޮޅަށް ގަރާރެއް ވެސް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން