ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން އެ އިދާރާއަކުން މައްސަލަ ބަލާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ޝަކުވާ އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ތަޙުޤީޤުތައް ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

އެގޮތުން މީހަކު، ޖިނާއީ މައްސަލައެއް ތަޙްޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙްޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

“ތަޙްޤީޤު ހިނގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިއޮފީހުން ތަޢާރަފްކޮށްފީމެވެ. ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެއެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެއެވެ. އެފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައެވެ. ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެކެވެ. އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމާ މިދެކަމެވެ. އެލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅުނުކަން ޔަޤީންކުރަންޖެހޭތީއެވެ.” ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އެގޮތަށް ހުށައަޅާ ފޯމު، ޕީޖީ އޮފީހުގެ ނިޒާމުގެ ތެރެއަށް އޮޓޮމެޓިކުން އެންޓްރީ ވާނެ ކަމަށާއި ޝަކުވާ ފޯމު ލިބޭނީ އެމައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށް ކަމަށެވެ. އަދި އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

ޕީޖީން ބުނީ އޮންލައިން ނިޒާމު އަވަސްވެފައި ފަސޭހަވިޔަސް، އޮންލައިން ނޫން ގޮތަކަށް، ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް، އެފުރުޞަތު، ކުރިއެކޭވެސް އެއްގޮތަށް އަދިވެސް އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން