ޑިމޮކްރެޓްސްގެ ހަރުގެ
ޑިމޮކްރެޓްސްގެ ހަރުގެ
ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު ޙުސެއިން ޝަމީމަށް މިއަދު ދިން ޙަމަލާއަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ޕީޖީ ޝަމީމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މަގުމަތިން ހަމަލާދީފައިވާތީ އެކަން ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕީޖީއަށް ޙަމަލާދީފައިވާ ގޮތަށް ބެލުމުން މިއީ ރާވައިގެން ދީފައިވާ ޙަމަލާއެއްކަން އެނގޭ ކަމަށެވެ.

“ޙުސެއިން ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުންކަމަށް އެނގިފައިވުމާއި އަދި މި ހަމަލާ ޙުސެއިން ޝަމީމަށް އަމާޒުކޮށްފައިވަނީ މަގުމަތިންކަމަށްވާތީ، މި ޕާޓީން ދެކޭގޮތުގައި މި ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެކެވެ.” ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ކަންކަމުން އެއްކިބާވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަނުކޮށްފައިވާ ދައުލަތުގެ މަތީ މަގާމެއް އަދާކުރައްވަމުން ގެންދަވާ ފަރާތަކަށް މިގޮތަށް ދޭ ހަމަލާއަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.

“އަދި މިއީ ނުރައްކާތެރި ސިގްނަލެކެވެ.” ޕީޖީ ޝަމީމަށް ދިން ޙަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓުން ނެރުނު ބަޔާނުގައިވެއެވެ.

ޑިމޮކްރެޓުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި، ޒިންމާވާ ފަރާތްތައް އަވަސް ފުރުސަތެއްގެ ތެރޭގައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ފުލުހުން ބުނީ ޝަމީމް ޒަހަމްކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ. އަދި އޭނާއަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހަމަލާގެ އިތުރު ތަފްސީލު ފުލުހުން ދީފައިނުވާއިރު ޝަމީމަށް ފަރުވާ ދެމުންދަނީ އޭޑީކޭގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން