ސްކޭމް މައްސަލަތަކުގައި ގެއްލުނު ޖުމްލަ އަދަދުން ރިކަވަރ ކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމުގައި ދިވެހި ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމުއައްސަސާގެ ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕަރޓްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަނިވެސް ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ، ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިތާމައާއިއެކީ މި ދަންނަވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ސްކޭމް މައްސަލަތަކުން ގެއްލިފައިވޭ. އަޅުގަނޑުމެން ރިކޯޑްތައް ބަލަހައްޓަން ފެށި ހިސާބަށް ބަލާ ކަމަށްވާނަމަވެސް، 50 މިލިއަން ރުފިޔާ އެބަހުރި ސްކޭމް މައްސަލަތަކުގައި ދިވެހި ރައްޔިތުންގެ އަތުން އެކިގޮތްގޮތުން ގެއްލިފައި. މީގެ ތެރެއިން ކުރިން މި ދެންނެވުނު 27 މިލިއަންގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް ރިކަވާ ކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ." ރަޝީދު ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލަތައް ހިންގަނީ ވަރަށް ރޭވުންތެރި ނިޒާމެއްގެ ތެރެއިން ކަމަށްވުމުން ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ އަދަދުތައް އަނބުރާ ހޯދުމުގައި އުނދަގޫތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިފަދަ ކުށްތައް ގިނައިން ހިންގާފައިވަނީ ފޯން ކޯލެއް ކޮށްގެން އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގުމާއި އިނާމް ދިނުމުގެ ނަމުގައާއި ފްލެޓާއި ބިމާއި ގުޅޭ ފައިސާއާއި ޑޮލަރުގެ މުޢާމަލާތާއި، އޮންލައިން ވިޔަފާރިތަކުން ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ފޯނަށް ލިންކެއް ފޮނުވައިގެން އެމީހެއްގެ ޒާތީ މައުލޫމާތުތައް ހެކްކޮށްގެން ސްކޭމް ކުރުމާއި އާއިލާ މީހަކު ފައިސާ ބޭނުންވެގެން އުޅޭ ކަމަށް ބުނެ އޮޅުވާލައިގެންވެސް ސްކޭމް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝީދު ފާހަގަކުރެއްވި ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 28،003 ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ފައިނޭންޝިއަލް ކްރައިމްއާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި މި ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ އަދަދު 57 މިލިއަން ރުފިޔާއަށްވުރެ މަތި ކަމަށެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި 64 ލައްކަ ޑޮލަރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް އެއްފުރާޅެއްގެ ދަށުން މަސައްކަތްކުރެވޭނެހެން "ސްކޭމް ސެންޓަރެއް" ގާއިމުކުރާނެ ކަމަށް ފުލުހުން ހާމަކޮަށްފައި ވެއެވެ. އަންނަ މާޗް މަހު އެ މަސައްކަތް ފަށައި، މިއަހަރުގެ ތެރޭގައި ސެންޓަރު ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން