ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙު
ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙު
ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙުގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލު ކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މަންޑޭގެ މުދާތައް ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. މި އަމުރު މަންޑޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައި ނުގަންނަން އެކޯޓުގެ ރަޖިސްޓްރާ ނިންމެވިއެވެ. ނަމަވެސް މަންޑޭގެ ފަރާތުން ރެޖިސްޓްރާގެ ނިންމުން މުރާޖަޢާކޮށް ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށްއެދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމުން ރެޖިސްޓްރާގެ ނިންމުން މުރާޖައާ ކުރީ ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

އެމައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށެވެ. އަދި މަންޑޭގެ މައްސަލާގައިވެސް އަމުރު ނެރުނީ އެގޮތަށް ކަމަށާއި، އެގޮތަށް ނެރޭ އަމުރުތައް މުރާޖާކުރަން ދަށު ކޯޓުގައި އެދުމުގެ ފުރުސަތު އޮންނަކަމަށެވެ.

ނަމަވެސް އެ އަމުރު މުރާޖާކުރަން މަންޑޭގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، އެ އަމުރު މިވަގުތު ބާތިލް ކުރެވެން ނެތް ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން މަޒީދެވެ.

ދަށު ކޯޓުން މަންޑޭގެ މުދާތައް ހިފެހެއްޓީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން އެމުދާތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ 8 މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

ކޭޕާކް ޚިޔާނާތުގެ މައްސަލާގައި މިހާތަނަށް ލިބިފައި ހުރި މައްސަލަތަކުން 225 ދައުވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އުފުލަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ މަންޑޭ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުގެ އަގު އެކަނި ވެސް 8 މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު 7 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ. މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަނދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން