މާލޭގެ ގެދޮރުގެ ކުލިތަކުގެ ބޮޑު ވާހަކައާއި ކުލިތައް ކޮންޓްރޯލް ކުރާ ވާހަކައަކީ މިފަހަކުން ވަރަށް ބާރަށް ވަރަށް އަޑުގަދަކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. މިހާރު އަނެއްކާވެސް އެއަޑު މިއޮތީ ކަންފަތަށް އުނދަގޫވާ ވަރަށް ގަދަވެފައެވެ. މިހެންވީ ކޮރޯނާ ވައިރަހާ ގުޅިގެން ބެންކް އޮފް މޯލްޑިވް ނުވަތަ ދިވެހި ޤައުމީ ބޭންކް މެދުވެރިކޮށް ސަރުކާރުން ލޯނުތަކަށް ދެއްވަން އުޅުއްވާ ކަމަށް ބުނާ ލުއި ތަކެއްގެ ވާހަކަ އިޢުލާން ކުރެއްވި ހިސާބުންނެވެ.

މާލޭގެ ގެދޮރުގެ ކުލިތައް ބޮޑުވެގެން އެއަރައިރުމެއް މީސްމީޑިޔާގައި ހިނގާތާ ދުވަސްގަނޑެއްވެއްޖެވެ. މި އަރައިރުމެއްގެ ތެރޭގައި ރާއްޖެތެރެއާއި މާލޭގެ މީހުންވެސް ނިކަން ރަނގަޅަށް ވަކިވެއްޖެއެވެ. ދެބައިމީހުން ވަރަށް ރަނގަޅަށް ޒުވާބުގަނޑެއް ކޮށްލާފައި ރަނގަޅަށް ބެހިލައިގެން ދެ ޖަމިއްޔާއެއްވެސް ހަފައިފިއެވެ. މިކަން ހިނގާދިއުމާއި އެންމެ ވައްތަރީ ރޭޑިއޯއިން އެއަންނަ ކީރިތި ރަސޫލާގެ ސިޔަރަތުގެ ތަރުޖަމާގައި އަންނަ ދެ ބާގާއެއްގެ މީހުން ބައިބައިވެގެން ގޮސް އެކުރާ ކަހަލަ ވާދަވެރިކަމަކާއި ޒުވާބަކާއެވެ.

ކޮންމެއަކަސް މިބަހުސެއްގައި މާލޭ މީހުންނާ ދިމާއަށް އެބުނާ “ރާއްޖެތެރެ” މީހުން ވަރަށް ބަވައިފިއެވެ. ހިތުހުރިހާ އެއްޗެއް ކިޔައިފިއެވެ. މާލޭ މީހުން ގެދޮރު ކުއްޔަށް ދީގެން ރާއްޖެތެރެ މީހުން ފެލައިގެން އުޅޭ ވާހަކައެވެ. މާލޭ މީހުން މާއަރާމެއްގައި އުޅޭ ވާހަކައެވެ. މާލޭ މީހުންނަށް ދިރިއުޅެވެނީވެސް އެ ކިޔާ ރާއްޖެތެރޭ މީހުން މާލެއަށް އަރައިގެން އުޅޭތީ ކަމަށް އެމީހުން ބުނެއެވެ.

މާލޭ މީހުން މި ވާހަކަތަކަށް ރައްދު ދޭން ފެށިތަން މީސް މީޑިޔާއިން ފެންނަން ފެށީ މިބަހުސެއް ހިނގާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ހަގީގަތް ރަނގަޅަށް ބެލިއިރު މި ޖެހިގެން އުޅޭ މައްސަލައަކީ ހަމަ އެންމެ މައްސަލައެކެވެ. އެބުނާ ރާއްޖެތެރެ މީހުން މާލެއައިސް ކުއްޔަށް އުޅެން ޖެހޭ މައްސަލައެވެ. އެހެންވީމާ އެމީހުން ބޭނުން ވަނީ ކުލިތައް ކުޑަ ކުރާށެވެ. އަދި ސަރުކާރުން ޤަވާޢިދެއް، އުސޫލެއް ނުވަތަ ޤާނޫނެއް ހަދައިގެންވެސް އެކަމަށް ހައްލެއް ހޯދައިދޭށެވެ.

މި ބަހުސެއްގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ދޫކުރުމުގައި މާލޭ މީހުންނަށް އިސްކަން ދޭތީވެ އެކަމާއި ދެކޮޅަށް ވެސް ބަހުސެއް ހިނގިއެވެ. އެބަހުސަށް މާލޭ މީހުންނޭ މިކިޔާ މީހުން ނިކަން ރަނގަޅަށް ޖަވާބުވެސް ދެއެވެ. އެމީހުންގެ އެއް ޖަވާބަކީ ނުވަތަ އެއްސުވާލަކީ މާލޭގެ ގެދޮރުވެރިންގެ ތެރެއިން އެބުނާ މާލޭ މީހުންނޭ ކިޔަން ތިބީ ކިތަންމީހުން ކަމާމެދު އުފެއްދި ސުވާލެވެ. އަނެއް ސުވާލަކީ މާލޭގައި އޮންނަ ދަފުތަރެއްގައި ޖެހުމުން ކޮންމެ މީހަކަށްވެސް މާލޭ މީހުންނަށް ވެވޭ ވާހަކައެވެ. އެ ދަފުތަރެއްގައި ޖެހުމުން އެބުނާ ރާއްޖެތެރޭ މީހާގެ ކިތަންމެ ބައިވަރު، ކިތަންމެ ބޮޑު ގެއެއް ރަށުގައި ހުއްޓަސް ސަރުތު ހަމަވެގެން މާލެއިން ބޯހިޔާވަހިކަން ލިބޭ ވާހަކައެވެ. މި އުސޫލު އެކިޔާ ރާއްޖެތެރޭގައި ނޯންނަވާހައެކެވެ.

ކޮންމެއަކަސް މިއުޅެނީ މާލޭ މީހުންނާ ރާއްޖެތެރޭ މީހުންގެ ބަހުސްގެ ތެރެއަށް ވަންނާކަށް ނޫނެވެ. މިއުޅެނީ އެމީހުން އެބުނާ ގޮތަށް މާލޭގެ ގެދޮރުގެ ކުލި އެމީހުން އެބުނާ ގޮތަށް ސަރުކާރަށް ކޮންޓްރޯލް ކުރެވިދާނެތޯ އުފެދޭ ސުވާލަށް ޖަވާބެއް ލިބޭތޯއެވެ. ހަގީގަތުގައި މާލޭ މީހުންނާއި ރާއްޖެތެރޭގެ މީހުންގެ ބަހުސަކީ އެއްވެސް މާނައެއް ނެތް ބަހުސެކެވެ. އެބަހުސްގައި ދެފަރާތަށްވެސް ވާހަކަ ދެކެވެން އެބައޮތެވެ. ފަނޑިޔާރުން ބައިތިއްބައިގެން ބަހުސްކޮށްފިއްޔާ ހަމަ މޮޅުވާނީ މޮޅަށް ވާހަކަދެއްކޭ ނިކަން ރަނގަޅަށް އަނގަތެޅޭ ބަޔަކު ތިބި ކޮޅެކެވެ.

މާލޭގެ ކުލިތައް ކޮންޓްރޯލް ކުރަން ވިސްނާއިރު އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ގެދޮރު އިމާރާތް ކުރުމަށް ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ލޯނެއް ލިބޭނެ އެއްވެސް އުސޫލެއް، ގޮތެއް މިހާތަނަށްވެސް އެއްވެސް ސަރުކާރަކުން ތަޢާރަފު ކޮށްފައި ނެތުމެވެ. މާލޭގައި މީހުން ގެދޮރު އިމާރާތްކުރަމުން ގެންދަނީ ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ވިޔަފާރި އުސޫލުން ބޭންކް ތަކުން ލޯނު ނަގައިގެންނެވެ. މާލޭގެ ގެދޮރު އިމާރާތް ކުރާށޭ ކިޔާފައި ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން މިހާތަނަށްވެސް ލޯނެއް ނުވަތަ ސްކީމެއް ތަޢާރަފު ކުރެވުނު ކަމަކަށް އަޑެއް ނާހަމަވެ.

އެއްގޮތަކަށްވެސް މިދަންނަވަނީ ސަރުކާރުން އިމާރާތް ކުރާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ސްކީމެއް ނުހިންގާ ވާހަކައެއް ނޫނެވެ. މިފަހަކުން އެފަދަ ސްކީމަކަށް އަޅުގަނޑަށް ފެނުނީ މިކިޔާ ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް ނުވައެއް އިންސައްތަ އިންޓްރަސްޓް ރޭޓުގައި ދޫކުރި ލޯނެއްގެ ވާހައެވެ. އެލޯނެއް ޤައުމީ ބޭންކުންނާއި ސަރުކާރު ހިއްސާވެގެން ހިންގާ ދިވެހި އިސްލާމިކް ބޭންކުން ކުރިއަށް ގެންދިޔައެވެ. ޝަރުތުތައް އިސްކޮޅަށްވުރެ އުސްކަމުން ގިނަ މީހުންނަކަށް މިއަކާއި ކައިރިއެއް ނުވެވުނެވެ. އަނެއްކޮޅުން ދެ މިލިއަން ރުފިޔާގެ ލޯނު ނަގައިގެން އެ ލޯނެއް ދައްކާ ނިމޭއިރު އިތުރަށް ދެމިލިއަން ރުފިޔާއާއި ކައިރިއަށް އެކިޔާ އިންޓްރަސްޓެއް ދައްކަން ޖެހުމަކީ ރަނގަޅު ހައުސިންގ ލޯނު ސްކީމެކޭ ދަންނަވާކަށް ނުކެރޭނެއެވެ.

ދަންނަވަން މިއުޅެނީ މާލޭ މީހުން ގެދޮރު އިމާރާތް ކޮށްފައި އެވަނީ ރާއްޖޭގައި ހިންގާ ބޭންކް ތަކުން ވަރަށް ބޮޑު އިންޓްރަސްޓާއެކު ލޯނުތައް ނަގައިގެން ކަމަށެވެ. ގިނަ މީހުންނަށް ވާވަރަކީ ލޯނު އެއްބަސް ވުމާ އެއްގޮތަށް ލޯނު ނުދެއްކިގެން ލޯނު ނަގާ މިންވަރަށް ވުރެ ދެގުނަ، ތިންގުނަ އިންޓްރަސްޓްގެ ގޮތުގައި އިތުރަށް ދައްކަން ޖެހުމެވެ. ގިނަ ފަހަރަށް ގެގަނޑު ބޮލަށް ވެއްޓޭއިރުވެސް ލޯނު ދައްކާ ނުނިމެއެވެ. ސަރުކާރުން ބަޔަކު ނުކުމެ އެލޯނުތައް ދޫކުރާ ބޭންކް ތަކުން ރަނގަޅު ހިސާބެއް ނަގައިފިއްޔާ މިކަން ނިކަން ރަނގަޅަށް ސާބިތުވާނެއެވެ.

މިހެންވީމާ ރާއްޖޭގައި ހުންނަ ބޭންކް ތަކަކީ ގެދޮރު އިމާރާތް ކުރުމަށޭ ކިޔާފައި ލާހިކު ކުޑަ ފައިދާއެއްގައި ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޭ އުސޫލެއް ގެންގުޅޭ ބޭންކް ތަކެއް ނޫންކަން ސާބިތު ވެއެވެ. އަދި މިހާނަކަށް ސަރުކާރަކުން މާލޭގެ ގެދޮރު ހަދާށޭ ކިޔާފައި އިންޓްރެސްޓް ކުޑަކޮށް ލޯނު ސްކީމެއް ތަޢާރަފުކޮށްފައިވާތީއެއް ހަނދާނަކަށް ނާދެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގައި ހަދަންފަށާފައި ނުނިމި ހުރި ގެތައް ހަދައި ނިންމުމަށް 500 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ހައުސިންގ މިނިސްޓްރީ މެދުވެރިވެގެން ލުއި ލޯނުތަކެއް ދޫކުރަން އުޅުނު އަޑެއް އޭރު މީޑިޔާތަކުން ލިޔެ ކިޔައި ހަދާތީ އަޑު އެހީމެވެ. ނަމަވެސް އެއިން އެހީ ލިބުނު ބައެއް އަދި ލިބުނީ ކިހާވަރެއްގެ އެހީއެއްކަމެއް އަދި އެއިން ނިމުނީ ނުހެދި ހުރި ކިތައްގެ ކަމެއްވެސް ސާފެއް ނުވެއެވެ.

ދަންނަވަން މިއުޅެނީ މާލޭގެ ގެދޮރުގެ ކުލިތައް ކޮންޓްރޯލްކުރަން ބަލާއިރު އެތަންތަން އިމާރާތް ކޮށްފައި ހުރީކީ ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ގެދޮރު އިމާރާތް ކުރާށޭ ކިޔާފައި ދިން ޚާއްޞަ ގޮތްތަކެއް ހަމަޖައްސައިގެން ދިން ލޯނެއް ނުވަތަ އެފަދަ ސްކީމެއްގެ ތެރެއިން ކަމަށް ނުވުމުން ގެދޮރުގެ ވެރިޔާއަށް ގެދޮރު ކުއްޔަށް ދެވޭނެ ވަކި އަގެއް ކަނޑައެޅުމަކީ ހަމަ ބުއްދިއަށް ގަބޫލުކުރެވޭ އަދި ބަލައި ގަނެވޭނެ ކަމަކަށް ނުވާނެއެވެ. ސަރުކާރަށް އޮތިއްޔާ އޮންނާނެހާވެސް ބާރަކީ ބަންޑާރަ ބިމެއްނަމަ އެބިމަށް އޮތް ބާރެކެވެ. އެބާރަކީވެސް ޤާނޫނުތަކަށް ވުރެ މަތީން ބޭނުން ކުރެވޭނެ ބާރެއް ކަމަކަށް ނުބެލެވެއެވެ.

ކުލިތައް ކޮންޓްރޯލް ކުރަން ސަރުކާރަށް ޤާނޫނެއް ހެދިދާނެއެވެ. އަދި އެޤާނޫނުގެ ދަށުން މާލޭގައި ގެދޮރު ކުއްޔަށް ދެވޭނެ އަގުތަކެއްވެސް ކަނޑައެޅިދާނެއެވެ. އެކަމަކު އޭރުން މާލޭގައި ގެދޮރުހަދަން ނަގާފައިވާ ލޯނުތަކުގެ މައްސަލައަށް ވެސް ހަލެއް ހޯދައިދޭން ޖެހޭނެއެވެ. މިބަހުސް ނުހިނގައެއް ނުހުންނާނެއެވެ. މިކަމަށް ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ. މައްސަލަތައް ކުރިމަތިވާން ފަށާނީ މިހާހިސާބުންނެވެ. އެބުނާ ބިޔަ އިންޓްރަސްޓްގެ މައްސަލަ ބޯމަތިވާނެއެވެ. އަނެއްކާ ސަރުކާރަށް ޖެހޭނީ އެއަށް ޒިންމާވާން ކަންނޭނގެއެވެ.

ހަގީގަތުގައި މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވީހާވެސް ފަސޭހައިން ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ މަގުތައް، ފުރުޞަތުތައް ތަނަވަސްކޮށްދިނުމެވެ. މިއީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިކަން ކުރާ ގޮތެވެ. ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫޢުތަކަށް ރައްޔިތުން ބަރޯސާ ކޮށްގެން އެކަނި މިކަމެއް އަދި ހައްލެއް ނުކުރެވޭއެވެ.

ސަރުކާރުން ސޯޝަލް ހައުސިންގ ސްކީމްތަކެއް ހިންގައިގެން އެކަމަށް އެކަނި ބަރޯސާ ކުރުމަކުން ނަތީޖާ ނުލިބޭނެކަން މިއޮތީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. ވެރިކަމަށް އަންނަން ކިތަންމެ ވަރަކަށް އެބުނާ ބޯހިޔާވަހިކަމުގެ ވަޢުދު ވިޔަސް އެކަން މިހާތަނަށްވެސް ފުރިހަމަ ކޮށްދެވިފައެއް ނެތެވެ.

މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ މާލެއިން ތަނެއް ކުއްޔަށް ހިފަން ދައްކަން ޖެހޭ މިންވަރަށް ހޭދަކޮށްގެން މާލެއިން ނުވަތަ މާލެ ސަރަހައްދުން އެޕާރޓްމެންޓް ނޫނީ ފްލެޓް ގަނެވޭ ފަދަ ސްކީމްތަކެއް ވީހާ އަވަހަށް ތަޢާރަފު ކުރުމެވެ. މިހާރުވެސް ރަނގަޅު ދެކޮޓަރި ނޫނީ ތިންކޮޓަރީގެ އެޕާރޓްމެންޓެއްގެ ކުއްޔަކީ ވިހި ހާސް ނުވަތަ 25 ހާހެވެ. މާލެ ސަރަހައްދުގައި ބިންގާ އެޅުމުގެ ކުރިން އެޕާރޓްމެންޓް ވިއްކާފައި ހުރި އިމާރާތްތަކުން ދެ މިލިއަނެއްހާ ރުފިޔާއަށް އެޕާރޓްމެންޓް ވިއްކާފައި އެބަހުއްޓެވެ. އެހެން ކަމަށްވާނަމަ ދިގު މުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް ހައުސިންގ ސްކީމްތައް ތަޢާރަފުކޮށްގެން މިމައްސަލައަށް ހައްލު ހޯދޭނެއެވެ. އެކަމަކު މިހާރު އެއޮންނަ އިސްކޮޅު ނުކުތާ ވަރުގެ ޝަރުތުތައް ތިރިކޮށްގެންނެވެ. އޭރުން ކޮންމެހެން ސަރުކާރުން ބޯގާނައިގެން މޮޅެތި ނަންނަ ކިޔާފައި ފޯމު ފުރައިގެން ކިޔޫ ހަދައިގެން ގުރު ނަގައިގެން ނަސީބުވެރިޔާ ހޮވާ އުސޫލުން ބޯހިޔާވަހިކަމާއި ހިފާކަށް މާބޮޑަކަށް ޖެހޭނެ ހެނެއް ހިއެއް ނުވެއެވެ.

މިކަމަށް ހައްލު ހޯދުމަށް ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުގެ ބޯހިޔާވަހި ކަމުގެ ލޯނެއް ދުނިޔޭގެ މާލީ އިދާރާއަކުން ހޯދައިގެން ނަމަވެސް ސަރުކާރުން އިސްނަގައިގެން އެކަން ކުރުމެވެ. އޭރުން ސަރުކާރުން ބޯތަޅަންޖެހޭ ވަރުވެސް ހާސްތަނުން ކުޑަވީއެވެ. ދެން ހަގީގީ ޤައުމީ ބޭންކެއް މެދުވެރިކޮށް އިންޓްރެސްޓޭ މިކިޔާ އެއްޗެއް ނުލައި ނޫނީ ކެތްވާވަރުގެ އިންޓްރަސްޓަކާއެކު ބޯހިޔާވަހިކަމުގެ ސްކީމެއް ތަޢާރަފުކުރަންވީއެވެ. މާލޭގައި ވިހި ތިރީސް ހާސް ރުފިޔާގެ ކުލި ދައްކައިގެން އުޅޭ ބަޔަކު މިފަދަ ސްކީމެއްގެ ފައިދާ ނުހޯދައި އޭގެތެރެއަށް ނުވަދެ ނުހުންނާނެކަމީ ޔަގީންވާ ކަމެކެވެ.

ދެން އޮތީ އެކިޔާ ގޮތަށް ޖަޒީރާވަންތަކޮށް “ރާއްޖެތެރެ” ތަރައްޤީ ކުރުމެވެ. އެކަމަކު ބޮޑެތި ސްކޫލްތަކާއި ބިޔަ ހޮސްޕިޓާތަކާއި ބޮޑެތި ބަނދަރުތައް އެކަނި ތަރައްގީ ކޮށްގެން އަދި މި މަޤުޞަދު ހާސިލުވާނެ ކަމަކަށް ނުފެނެއެވެ. އަދި ހަމަ 500 މީހުން ދިރިއުޅޭ ރަށެއް މާލެއަކަށް ހަދަން އުޅުނަކަސް އެކަމެއް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. “ރާއްޖެތެރެ” މީހުން އެބުނާހެން މާލެ މާލެއަކަށްވީ އެމީހުން މި މާލެއަށް އައިސް މާލޭގެ އާބާދީ ބޮޑުކޮށް މުޅި މާލެ ފުރާލައިގެންނެވެ. ވިޔަފާރިތަކާއި ޚިދުމަތްތައް މިތަނުގައި ތަރައްޤީވެ ފެތުރުނީ އެހެން ވެގެންނެވެ.

މިސާލަކަށް އައްޑޫ ސިޓީއާއި ހައްދުންމަތި މާލެއަކަށް ނުހެދެންވީ ސަބަބެއް ނެތެވެ. އެކަމަކު އެރަށް ނޫނީ އަތޮޅު ތަރައްޤީ ވާނީ ބަޔަކު އެތަނުގައި ދިރިއުޅޭންވީ ސަބަބެއް އޮވެގެންނެވެ. އެތަނުގައި ވަޒީފާ އުފެދޭނީ އެފަދަ ތަސައްވަރެއް އެކުލަވާލައި ވިލަރެސްކޮށްގެން އެކަން ހާސިލު ކުރުމުގެ ތެދު ނިޔަތެއްގައި މަސައްކަތްތަކެއް ކޮށްގެންނެވެ.

މިދަންނަވަނީ އައްޑޫ ސިޓީގައި ރިޒޯޓެއް ހަދައިގެން ހިންގަން ނޫޅޭ ވާހަކައެއް ނޫނެވެ. އަދި އެ ސިޓީގައި އިންޓަރނޭޝަނަލް ބޯޑު އަޅުވާފައި އެފެންވަރަށް ތަރައްޤީ ކޮށްފައިވާ ވައިގެ ބަނދަރެއް ނެތް ވާހަކައެއް ނޫނެވެ. އެކަމަކު އަޑުގޮއްވާ ވަރަކަށް ޕްލޭންތައް ހަދާ ވަރަކަށް އަމަލަކުން ކަންކަމެއް ނުފެނެއެވެ. ގްރޭޓަރ މާލެ ސަރަހައްދު ކިޔާހެން ގްރޭޓަރ އައްޑޫ ސިޓީ ސަރަހައްދު ކިޔާވަރަށް އައްޑޫ ސިޓީއާއި ހައްދުންމަތި ތަރައްޤީ ނުކުރެވޭންވީ ސަބަބެއް ނެތެވެ. އެކަމަކު ހަގީގީ ތަސައްވުރެއް އޮވެގެން ތެދުނިޔަތުގައި މަސައްކަތް ކޮށްގެންނެވެ. އޭރުން މާލެއަށް އޮތް ޑިމާންޑް ނިމުނީއެވެ. “މާލެއާއި ރާއްޖެތެރެ” ބަހުސް ނިމުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން