ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތަށް ހަދާފައިވާކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށާއި، ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތުން މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ޕީޖީން އޮޓޮމެޓިކް ސިޓީއެއް ފޮނުވޭ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ޕީޖީން ބުނީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް އެއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެއޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެއޮފީހުގެ ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުމެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.

ޕީޖީން ބުނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ކަމަށެވެ. އަދި ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއްކަން ޕީޖީން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން