ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ބިނާކުރި 4000 ފްލެޓްތައް ނާއިންސާފުން ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދަންތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ ދާއިމީ ލިސްޓް އިންސާފުވެރިނޫން ކަމަށް ބުނެ ވަރަށް ގިނަ މީހުން ޝަކުވާ ކޮށްފައިވެއެވެ. ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު އޭސީސީން މިގޮތަށް ބުނީ މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ކުރީ ސަރުކާރުގައި ފްލެޓްތަކަށް ހުށަހެޅި ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން ޕޮއިންޓް ދިނުމުގައި ޝަރުތު ހަމަނުވާ ފަރާތްތަކަށް ފްލެޓް ދޭން ނިންމީ ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތުތަކަށް ބެލުމެއްނެތިކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެކަން އެގޮތަށް ކޮށްފައިވަނީ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށްތޯ ބަލަން ޖިނާއީ ތަހުގީގެއް ކުރިއަށްގެންދާނެ ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

"މި ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނު ކަންކަން މި ހިނގާފައި ހުރީ ގޯސް ނިޔަތެއް އޮވެގެންތޯ، ނޫންތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން. މިސާލަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށްޓަކައިތޯ، ނޫނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްޓަކައިތޯ، މިކަން ކޮށްފައި ހުރީ. އޭގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދާނަން. ޖިނާއީ ތަހުގީގެއް ހިންގުމަށް ތުހުމަތެއް އުފައްދައިގެން ގޮސް ޖިނާއީ މިންގަނޑުން ޝައްކެއް ނެތް މިންވަރަށް މައުލޫމާތު އެއްކުރެވޭ ނަމަ ޑިއުޓީ ޕްރޮޓިކިއުޝަނަށް ދިއުމާ މެދު މަޝްވަރާކުރުން އޮންނާނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޕޮއިންޓް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި 7 މީހަކާއި ސުވާލުކޮށް އެމީހުން ދޭ މަޢުލޫމާތުގެ މައްޗަށް ބަލާފައި އިތުރު މީހުންނާއި ކޮމިޝަނުން ސުވާލުކުރާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަން މިއަދުގެ ބައްދަލުވުމުގައި އޭސީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން