ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް ދިން ހަމަލާގެ ހަރުދަނާ ތަހުގީގެއް ހިންގުމަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް (އައިއޭޕީ) އިން ގޮވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ މެންބަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސްގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ، އައިއޭޕީގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕީޖީ ޝަމީމަށް ފޮނުއްވި ސިޓީއެއްގައި، ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާގެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަޙުޤީޤެއް ހިންގައި، މިކަމުގައި ބައިވެރިވީ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލައްވާފައިިވާ ކަމަށެވެ.

ހަމައެއާއެކު ޕްރޮސިކިއުޓަރުންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ރޯއެލް ޑޯނާގެ ސިޓީގައި ފާހަގަކުރަށްވާފައިވާކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގައި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި ހައްޔަރު ކުރި ދެމީހުންގެ އިތުރުން އެހެން މީހުން ތިބެދާނެ ކަމަށް ބެލެވޭތީ އެކަން ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެެ.

މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލުގައި ގޮސް މަރުތޭލަކުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މާލޭގެ ނޫރު މިސްކިތް ކައިރިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށެވެ. އެހަމަލާގައި ޕީޖީ ޝަމީމްގެ ވައަތުގައި ރެނދުލައި ކަށިގަނޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން