ކުރީ ސަރުކާރުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބިނާކުރި 4000 ފްލެޓް ނާއިންސާފުން ދޫކުރި ކަމަށް ބުނާ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، ކޮމިޝަނުން އެ މައްސަލަ ބަލާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަންހިނގާފައިވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.



އެޗްއާރްސީއެމުން މި މައްސަލަ ދިރާސާ ކުރަމުންދާކަން ހާމަކުރީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު 60 ޕަސެންޓު ފްލެޓުތައް ދޫކޮށްފައި ހުރީ ގޯސްކޮށް ކަމަށް އެ ކޮމިޝަނުން ނިންމާފައިވަނިކޮށެވެ.

އެޗްއާރްސީއެމުން ބުނީ މި މައްސަލައާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާއިއެކު ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށެވެ. އެގޮތުން، ހައުސިންގ މިނިސްޓްރީން ވަނީ ފްލެޓު ލިސްޓު ބާތިލުކޮށް އަލުން އިއުލާން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގެ ޔަގީންކަން ދީފައި ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭސީސީގެ ނިންމުންތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިން ކަމަށްވެސް އެޗްއާރްސީއެމުން ބަޔާންކޮށްފައި ވެއެވެ.

ފްލެޓު މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށް ވާތީ ވީހާ ވެސް އަވަހަށް ތަހުގީގު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނުހާ އަވަހަށް މައްސަލަ ހުށަހެޅި ފަރާތްތަކަށް މަޢުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން