މާޔަން އަދި ފީފާގެ ރައީސް އިންފެންޓީނޯ
މާޔަން އަދި ފީފާގެ ރައީސް އިންފެންޓީނޯ
ރާއްޖޭގެ ކުޅަދާނަ އަންހެން އެތްލީޓް މާޔަން މުހައްމަދަށް މަގުމަތިން ހަމަލާދީ، ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލާގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

މީސްމީޑިއާގައި މާޔަން އިއްޔެ ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލޭ "ކްލޭ ސްޓޫޑިއޯ" ހުންނަ މަގުގައި ކަމަށެވެ. އެގޮތުން އޭނާ ދުވެފައި އަންނަނިކޮށް، ސައިކަލެއްގައި އައި ދެ މީހުން އޭނާ ވައްޓާލާ، ކަރުގައި އޮތް ރަން ފަށް ފޭރިގަނެފައިވާ ކަމަށް މާޔަން ވަނީ ބުނެފައެވެ.

މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް އަޅައިގެން އެއްވެސް މީހަކު ހުއްޓާ ފެނިއްޖެނަމަ އެކަން އަންގާދިނުމަށް އެދިފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް މާޔަން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ މައްސަލަ އިއްޔެ ހެނދުނު 06:20 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ޢުމުރުން 25 އަހަރާއި، 27 އަހަރުގެ ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މާޔަން އަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމައްޓަކައި ގިނަ ހިދުމަތްތަކެއް ކުރަށްވާފައިވާ ކަނބަލެކެވެ. މާޔަން ވަނީ ކުރިން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައެވެ. އަދި އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗު ކަމާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަންހެން ޓީމު ހިންގުމުގެ އިތުރުން އޭއެފްސީ އަންހެން ކޮމިޓީގެ އެފްއޭއެމްގެ އިސްވެރިޔާ ކަންވެސް އޭނާ ވަނީ ކޮށްފައެވެ.

މާޔަން ދިވެހިންގެ ތެރޭގައި ބޮޑަށް މަޝްހޫރުވީ، 2019 ވަނަ އަހަރު އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައި، ނާކާމިޔާބުވުމާއެކު އޭއެފްސީއާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި ދައުވާ އުފުލައި އެ ދައުވާ ކާމިޔާބު ކުރުމުންނެވެ.

އެގޮތުން އޭއެފްސީގެ މެންބަރުކަމަށް ވަކި ކެންޑިޑޭޓެއް ހޮވުމަށް އޭއެފްސީގެ ބާރުގަދަ ފަރާތްތަކުން ނުފޫޒް ފޯރުވައި ޖިންސީ ތަފާތު ކުރުން ގެންގުޅުމުގެ އިތުރުން އަންހެނުންނަށް ކުރިމަތިލެވޭ މަގާމުތައް މަދުކުރިކަމަށް ބުނެ މާޔަން ދަޢުވާ އުފުލިއެވެ. މާޔަންގެ ތުހުމަތުތައް އަމާޒުކުރީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް އަށެވެ. މިމައްސަލަ މާޔަންވަނީ ކާމިޔާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން