ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ
ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ
ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ތިންވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މާރާމާރިއާ ގުޅިގެން ފުލުހުން މިފަހަރު ހައްޔަރުކޮށްފައި ވަނީ ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19 އެވެ. އޭނާ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

އެ މައްސަލާގައި މީގެ ކުރިން ހައްޔަރު ކޮށްފައިވަނީ، ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އާއި ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މާރާމާރީގައި ބައިވެރިވުމާއި، ޖަމާއަތް ހަދައިގެން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރުމެވެ.

މިމާރާމާރީ ހިނގާފައިވަނީ، މެޗު ނިމެމުން ދަނިކޮށް ވިކްޓްރީގެ ބެންޗާ ދިމާލުން ވިކްޓްރީގެ ކުޅުންތެރިއަކާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.

އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ވިކްޓްރީގެ ކޯޗު އަދި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލާފައެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދަނޑުގައި އެވަގުތު ތިބި ފުލުހުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެ ހަމަނުޖެހުމުގައި އެކި ފަރާތްތަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

81 ވަނަ މިނެޓްގައި މެޗް ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމެޗުން ވިކްޓްރީ މޮޅުވިކަމަށް މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން