ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުގައި ބޭރުގެ ބައެއްގެ ނުފޫޒު އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ނޮޅިވަރަމްފަރު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ

ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ހަމަ އެއްވެސް އަސާސެއް ނެތި ކަމަށެވެ. ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ވަޒީރުން އައްޔަން ކުރެއްވުމުން އެބޭފުޅެއްގެ ޝަރުތު ހަމަވާނަމަ މަޖިލީހުން ރުހުން ދޭން ޖެހޭ ކަމަށެވެ. އަދި އެއީ ރާއްޖެއާއި ބޭރު ގައުމުތަކުގައި ވެސް މީގެ ކުރިން އަމަލުކުރަމުން ގެންދާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީރަކަށް މަޖިލީހުން ރުހުން ދިނުމަށްފަހު ވެސް އެބޭފުޅަކަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ނަމަ، އެ ބަޔަކު މަގާމުން ދުރުކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށާއި އެކަން ކުރަންޖެހޭ ގޮތަކީ ވެސް އެއީ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ބޭރުގެ ކޮންމެވެސް ބަޔަކު މަޖިލިހުގެ މެމްބަރުންގެ މައްޗަށް ބާރު ހިންގައި ވަޒީރުންނަށް ރުހުން ނުދޭން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އަދި ދެތިން ހަތަރު ވަޒީރަކު ދުއްވާލަންޖެހޭ ކަމަށް ބޭރުގެ ފަރާތަކުން މެމްބަރުން ގާތު ބުނެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް ހަމަ މަޖުބޫރުން ކޮންމެވެސް ތިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން، އަޅުގަނޑުމެންގެ މެމްބަރުން ކައިރީ ވެސް ބުނަމުން ދިޔައީ ތިޔަ އެންމެންނަކަށް ނުޖެހެއޭ ރުހުން ދޭން. ތިމަންނަމެން ކޮންމެހެނެއް ވެސް ޖެހެއޭ ދެ ތިން މީހުން ދުއްވާލަން." ވަކި ގައުމެއްގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް އެ އިޝާރާތް ކުރައްވާ ގައުމަކީ ކުރީގެ ސަރުކާރުން ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދިޔަ އިންޑިއާ އަށެވެ.

މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު މިހާރު ވަނީ އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައެވެ. އަދި އެބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން