ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ
ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ
ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިމަހުގެ ހަތްވަނަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި މިވަގުތު ބަންދުގައި ތިބީ ތިން މީހުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ބަންދުގައިތިބި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިމާރާމާރީ ހިނގާފައިވަނީ، މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ވިކްޓްރީގެ ބެންޗާ ދިމާލުން ވިކްޓްރީގެ ކުޅުންތެރިއަކާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.

އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ވިކްޓްރީގެ ކޯޗު އަދި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލާފައެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދަނޑުގައި އެވަގުތު ތިބި ފުލުހުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެ ހަމަނުޖެހުމުގައި އެކި ފަރާތްތަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

81 ވަނަ މިނެޓްގައި މެޗް ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމެޗުން ވިކްޓްރީ މޮޅުވިކަމަށްވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން