ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ގްރީން ޒޯނަށް އެއްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ފުލުހުން ދެން ނުދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރ (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ކެބިނެޓަށް ރުހުން ދިނުމުގެ ޖަލްސާ މަޖިލީހުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަޙައްދުގައި ކުރަމުންދިޔަ އިޙްތިޖާޖުގައި ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެދުވަހު މަޖިލިސް ކުރާގޭ ގޯތި ތެރެއަށް ކުކުޅުބިސް އުކާފައިވާ ކަމަށެވެ. އަދި ކުކުޅުބިސް އުކީ ކޮންބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ ގޭންގުތަކަށް ނިސްބަތްވާ ބަޔަކު އޭގައި ބައިވެރިވި ހިސާބުން ކަމަށެވެ. އޭގެ އިތުރުން ގްރީން ޒޯނަށް އެއްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ފުލުހުން ދެން ނުދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި މި ދެންނެވި ގޮތަށް، ސުލްހަވެރިކަމުގައި އެއްވި ކަމުގައި ވިޔަސް، އަދި އެ ނޫން މަގުސަދެއްގައި ވެސް މި ސަރަހައްދުތަކަށް އެއްވެ އުޅުމަކަށް ޖާގައެއް ނުދޭނަން،" ޝުޖާ ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މަޖިލީހުގެ އިންފާރު ހުރި ގޮތުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން އުނދަގޫވާކަން އެމްއެންޑީއެފުން 2021 ވަނަ އަހަރު މަޖިލީހަށް އަންގާފައިވާ ކަމަށެެވެ. އަދި އެދުވަހުގެ އެއްވުމުގައި މަޖިލީހުގެ ގެއާއި ގޯތި ތެރެއަށް ހުއްދަ ނެތި އެއްވެސް ބަަޔަކު ވަދެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވަނީ އެއްވުމުގެ ބައިވެރިންގެ ޙަރަކާތްތަކަށް އަންނަމުންދިޔަ ބަދަލުތަކާއި، ސިފައިންނާއި ފުލުހުން ޢަމަލު ކުރަމުންދިޔަ ގޮތް މަޖިލީހުގެ އަމީންޢާންމަށް ޙިއްސާކޮށްފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން