ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓަކީ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ދުވަހު ނޫސް ހަވީރާއި ލޯމާފާނު ޕްރިންޓަކީ ހަވީރު ނިއުސް އެޖެންސީގެ ހައްގެއް ކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިއަދުއެވެ.

ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް އެ ދެފަރާތަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރު އެވެ. ނަމަވެސް ހައިކޯޓުން ވަނީ އެޙުކުމް ބާތިލްކޮށްފައެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ޑރ. މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އެއްވަރަށް ހިއްސާވާ ގޮތަށް މާޗް 31، 1983 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އުފެއްދި "ހަވީރު ނޫސް އެޖެންސީ"ގެ ދަށުން ކަމަށް ބާރުލިބޭ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.

އޭގެ އިތުރުން އެފަރާތްތަކުގެ މެދުގައި ވެފައިވާ ފަހުމުނާމާއަކީ ގާނޫނީ ގޮތުން ބަނދެވޭ ގޮތަށް އޮތް އެއްބަސްވުމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ދުވަހު ނޫސް ހަވީރު 37 އަހަރު ފަހުން ބަންދުކުރީ 2016 ވަނަ އަހަރުގެ މޭ މަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން