ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ޣައިރު ދުސްތޫރު ކަމަށް ސުޕްރީމްކޯޓުން ކަނޑައެޅި ސަބަބުތައް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެ ދެއްވައިފިއެވެ.

މީސްމީޑިއާގައި އުސްތާޛު ފާއިޒް މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދު ހެދުމުގެ ބާރަކީ ގާނޫނު ހަދާ މަޖިލީހަށް ވީތީ، އޭގެ ޒާތުގައި ލިބިފައި އޮތް ބާރެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ދުސްތޫރީ ބާރެއް ކަމަށްވެސް އުސްތާޛު ފާއިޒް ވިދާޅުވެފައިވެއެވެ.

ފާއިޒް ވިދާޅުވީ، މަޖިލީހުގެ ހިންގާ ގަވާއިދު ހަދަންޖެހެނީ ގަވާއިދު ހެދުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި ކަމަށެވެ. އަދި ގަވާއިދަށް ގެންނަ އިސްލާހުތައްވެސް ހުންނަންޖެހޭނީ އެ ޙުދޫދުގެ ތެރޭގައި ކަމަށް ފާއިޒް ވިދާޅުވެފައިވެއެވެ.

"ގަވާއިދު ހެދުމުގެ ބާރު ލިބެނީ ގާނޫނު އަސާސީގެ މާއްދާ އަށާހި އިންނެވެ. އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ފުރިހަމަ ވާންޖެހޭ ޢުންޞުރުތައް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ." ފާއިޒް ލިޔުއްވާފައިވެއެވެ.

އޭގެތެރޭގައި، މަޖިލީހުން ހަދާ ގަވާއިދަކީ ގާނޫނު އަސާސީއާ ޚިލާފު ގަވާއިދަކަށް ނުވުމާއި، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގަވާއިދަކަށް ވުމާއި، ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭ ގަވާއިދަކަށް ވުމާއި، ދީމިޤްރާޠީ އުސޫލުތައް އެކުލެވޭ ގަވާއިދަކަށް ވުމާއި، މިނޫންވެސް އިތުރު ޢުންޞުރުތައް ބަޔާންކޮށްފައިވާކަމަށް ފާއިޒް ހާމަކުރަށްވާފައިވެއެވެ.

"ތަފާތު އިބާރާތުން އެއްކަމެއް ތަކުރާރު ކޮށްފައިވެއެވެ. ތަކުރާރުގެ މަގުސަދަކީ އެކަމުގެ މައްޗަށް ގާނޫނުއަސާސީ ބާރުއެޅުމެވެ. 'ރައްޔިތުން ފުރިހަމައަށް ތަމްސީލު ވުން' 'ރައްޔިތުން ފުރިހަމައަށް ބައިވެރިވުން'. އެބަހީ، މަޖިލީހުން ހަދާ ގަވާއިދު ވާންޖެހޭނީ ރައްޔިތުންނަށް ފުރިހަމައަށް ތަމްސީލުވެވޭ، އަދި ބައިވެރިވެވޭ ގަވާއިދަށެވެ." ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީސް އެކުލެވިގެން ވަނީ 87 ދާއިރާގެ މައްޗަށް ކަމަށްވާތީ، އެމަޖިލީހުގައި ހެދިފައި ހުރި ގަވާއިދުތައް ހުރީ 87 ދާއިރާގެ ރައްޔިތުނަށް، އެބައިމީހުން ތަމްސީލުކުރާ މެންބަރުންގެ ޒަރިއްޔާއިން ބައިވެރިވެވޭގޮތަށް ކަމަށެވެ.

އެހެންކަމުން ހަތް ދާއިރާގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި މިވަގުތު ނެތްކަމުގައި ވިއަސް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ދާއިރާކަމަށް ބަލާނަމަ، މަޖިލީސް އެކުލެވިގެންވާ 87 ދާއިރާގެ ރައްޔިތުންގެ ތެރެއިން 7 ދާއިރާގެ މަދުވެގެން ތިރީސް ފަސްހާސް ރައްޔިތުންގެ ބައިވެރިވުން މަޖިލީހުގައި އޮތްކަމަށް ގާނޫނު އަސާސީ ކުރާ ތަޞައްވުރު ނަފީ ވާނެ ކަމަށް، އާދައިގެ މީހަކަށް ވިސްނޭ ވަރަށް ތިލަ އިބާރާތުން ފާއިޒް ޙިއްސާކުރެއްވި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން