ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް
ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މީހަކު ތިން އަހަރު ދުވަހުގެ ތެރޭގައި ކުރީ ސަރުކާރުން މިނިވަންކޮށްފައި ވާތީ، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް ހިތްހަމަނުޖެހުން ފާޅުކުރަށްވައިފިއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް، ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން ކުށް ސާބިތުގެ އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި ހުސައިން ޒަހީން މިނިވަން ވެފައިވާތީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިސްތިޢުނާފް އަޑުއެހުމުގައި ފަނޑިޔާރު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ.

ކޯޓުގެ އަޑުއެހުމުގައި ޒަހީން ބުނެފައިވަނީ އޭނާއަކީ މިދިޔަ ސަރުކާރުގައި ރައީސް މައާފު ދެއްވުމުން މިނިވަންވެފައި ހުރި މީހެއް ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ގިނަ ސުވާލުތަކެއް ދަޢުލަތަށް އަމާޒުކޮށްފައިވާއިރު، ޢަދުލުއިންސާފު ޤާއިމުކުރުމަށް ދަޢުލަތުން ކުރާ ބޮޑު ޚަރަދާއި، ފަނޑިޔާރުން ހޭދަކުރާ ވަގުތަށް އެއްވެސް އިޙްތިރާމެއް ނެތީތޯ ސުވާލު އުފައްދަވާފައިވެއެވެ.

"ކޯޓަށް އައިސް ކޮން ކަމެއްތޯ ތިކުރަނީ؟ އަޅުގަނޑުމެން ލައްވާ ކޮން ކަމެއް ކުރަންތޯ ތިއުޅެނީ؟ 25 އަހަރަށް ޖަލަށް ހުކުމްކުރިއިރު ޑްރަގް ޓްރެފިކިން ކުށުގައި. ކޮބާ ނަތީޖާއަކީ؟ ކޯޓުތަކުން ދައުވާތަކެއް ސާބިތުކުރީމައި، ހުކުމް ތަންފީޒު ނުކުރެވޭ ކަމަށްވަންޏާ މިއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އަޅުގަނޑުމެން މިއީ ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ؟" ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލުކުރެއްވި އެވެ.

ފަނޑުޔާރު ނިޔާޒް ވިދާޅުވީ، ދަޢުލަތުގެ ބާރުތަކުން ޒިންމާދާރުކަމެއް ނެތި، މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑު މައްސަލައެއްގައި، ކުށް ސާބިތުވާ މީހުން 3 އަހަރު ތެރޭގައި ދޫކޮށްލާނަމަ އެންމެންނަށް ވެސް ގަބޫލުކުރެވޭނީ އެކަމަކީ ނުކުރާވަރުގެ ކަމެއް ނޫންކަމަށް ކަމަށެވެ. އަދި އެއީ ނުރައްކާތެރި ކަމަކަށް ވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުންް ފަނޑިޔާރު ވަނީ ޑްރަގް ޓްރެފިކިންގ ފަދަ ބޮޑެތި ކުށްތަކުގައި ރައީސްއަށް އަފޫ އާންމު ނުވަތަ ކުށްވެރިންނަށް ލުއިދެވެނީ ހުުކުމުން ކިހާ މުއްދަތެއް ތަންފީޒުކޮށް ނިމުމުންތޯ ދަޢުލަތާ ސުވާލުކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ހުކުމްގެ ހަތަރުބައި ކުޅަ އެއްބައި ފުރިހަމަކުރުމުން ކަމަށާއި، ރައީސްއަށް ލިބޭ ބާރުގެ ދަށުން ޒަހީން މިނިވަންކުރެއްވީ ކޮން މިންގަނޑަކުން ބަލައިގެންކަން ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ބަޔާންކުރާއިރު، "ނުވަތަ، ނުވަތަ" ބަޔާންކުރުމަށް ފަހު "އިންސާނިއްޔަތަށް" ޓަކައި ދޫކޮށްލެވޭ ގޮތަށް އޮންނަކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ.

"ފުލުހުން ކުރާ މަސައްކަތާއި، ޕީޖީވެސް ވަރަށް ގިނަ ވަގުތު ހޭދަކުރުމަށް ފަހު، އަޅުގަނޑުމެންގެ ހިތަށްވެސް ހަމަ އުނދަގޫވޭ ބުރާސްފަތި ދުވަހު ޖަލަށްލާ މީހާ، އާދީއްތަ ދުވަހު ޖަލުން ނުކުމެފައި އަޅުގަނޑުމެންނާ ދިމާލަށް އެއްޗެކޭ ބުނެފައި ދާތީ." ދަޢުލަތުގެ ވަކީލް ނައުޝާދު ވިދާޅުވިއެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބުނަނީ 14 ގްރާމަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލާ މީހުންނަށް މައާފެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް ވަކި މިންގަނޑުތަކެއް ފުރިހަމަވާނަމަ އަދަބު ލުއިކޮށްދެވިދާނެ ކަމަށް އެ ގާނޫނު ބުނެ އެވެ. އެގޮތަށްވެސް އަދަބު ލުއިކޮށްދެވޭނީ އިއްވާފައިވާ ހުކުމެއްގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ނަމައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން