ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން
ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރާލި މައްސަލަ ދަށު ކޯޓުގައި ސާބިތު ނުވުމުން މިނިވަންވެފައި ހުރި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ހައްޔަރުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތު ނުވުމުގެ ސަބަބުން މިނިވަންވި މީހަކު ރޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ދަތުރުކުރި ލޯންޗެއް ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުށް ސާބިތުނުވެ މިނިވަން ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ނަވީން މިއަދު ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ އަނަސްގެ މަރުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފުލުހުންނަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދަށުކޯޓުން އަދިވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެރިޕޯޓު ލިބުނުހާ އަވަހަކަށް މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަށުކޯޓުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރަން ދަޢުލަތަށް ލިބޭނީ 30 ދުވަހުގެ މުއްދަތެކެވެ.

ނަވީން މިމޭރުމުން ވިދާޅުވެފައިވާއިރު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މީހަކު ތިން އަހަރު ދުވަހުގެ ތެރޭގައި ކުރީ ސަރުކާރުން މިނިވަންކޮށްފައި ވާތީ، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒްވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ފެބްރުއަރީ 25 ގައެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުޘްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤާއި، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސްގެ މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ ނަމަވެސް ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ނިމުނުއިރުވެސް އެ މައްސަލައިގެ ޝަރީޢަތް ނިމިފައެއް ނުވެއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދަޢުވާ ސާބިތުވެ ކުޑަކުއްޖަކު 18 އަހަރާއި 9 މަހަށް ޖަލަށްލާން ހައިކޯޓުން 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ޙުކުމްކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 2023 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 10 އަހަރަށް ލުއިކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން