ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް ގާއިމުކުރުމަށް ވާވޭ އައިސީޓީ އެކަޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖަށް އައިސީޓީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ލިބިގެންދާނެ އެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް ގާއިމް ކުރެވި، ތައުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމް ކުރެވޭނެ އެވެ.

ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމް ގާއިމްކުރުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެ އެވެ. އަދި ކޮލެޖުގައި ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ހަރަދު ވެސް ސަލާމަތް ވެގެން ދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ފަރާތުން ރެކްޓަރ ޑރ އަހުމަދު އަންވަރެވެ. އަދި ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ ނިޒްނާ އަލީ ދީދީ ވިދާޅުވީ މިއީ ވިލާ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރ އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސް ޑރ. އިބްރާހިމް ވަހީދު، ލެކްޗަރަރ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރ އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން