ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިއުލާންކުރައްވާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދައިގެ ކުރިން 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް، ސަރުކާރުން ދެއްވާނެ ކަމަށެވެ.

އެސްޓީއޯއިން ކާޑު ބެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ރަށްރަށުގައި އެމަސައްކަތް ކުރަމުންދަނީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. އަދި މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ހިނގާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

އެކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރަށްވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ކުރުމަކާއި ނުލައި ކޮންމެ ދިވެހި ގޭބިސީ އަކަށްވެސް ކާޑު ލިބޭނެ ކަމަށެވެ. ކާޑު ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން