އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޣައްޒާގެ ހަނގުރާމައާ މެދު އިސްރާއީލުން ގެންގުޅޭ އުސޫލަކީ "އިސްރާއީލަށް ފައިދާވުމަށް ވުރެ ބޮޑަށް އިސްރާއީލަށް ގެއްލުން ލިބޭ" އުސޫލުތަކެއް ކަމަށް ވިދާޅުވުމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ބައިޑަން މާނަކުރެއްވީ "އަޅުގަނޑުމެން ސިޔާސަތުތަކަކީ، މެޖޯރިޓީއާ ދެކޮޅަށް، ނުވަތަ އިސްރާއީލުގެ ގިނަ ބައެއްގެ އެދުމާ ދެކޮޅަށް، އިސްރާއީލުގެ މަސްލަހަތަށް ގެއްލުންވާ ގޮތަށް ކަމަށް ދެކުންކަމަށްވާނަމަ، އެއީ ގޯސް ވިސްނުމެއް" ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ބައިޑަންގެ ވާހަކަފުޅު ދޮގުކުރައްވާ ނަތަންޔާހޫ ވިދާޅުވީ "ކުރިން ދުވަހަކުވެސް ނުވާ ވަރަށް ގިނަ ބަޔަކު އެއްބައިވަންތަވެފައި" ވާ ކަމަށެވެ. އަދި މިއީ "އިސްރާއީލަށް ކޮށްދޭ ރަނގަޅު ކަމެއްކަމަށް އެމީހުންނަށް ވިސްނޭ" ކަމަށެވެ.

މީގެއިތުރުން، ކަނޑައަޅާފައިވާ ސިޔާސަތުތަކަށް "އިސްރާއީލުގެ ބޮޑު އަޣުލަބިއްޔަތަކުން ތާއީދު ލިބޭ" ކަމަށާއި، އެމީހުން ތާއީދުކުރަނީ "ހަމާސްގެ ޓެރަރިސްޓުން ނައްތާލުމަށް އަޅާ ފިޔަވަޅު" ތަކަށް ކަމަށް ނަތަންޔާހޫ ވިިދާޅުވިއެވެ.

މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި މިމޭރުމުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު ހާމަކުރައްވައި އާންމުކުރި ތަފާސްހިސާބާ މެދު ވެސް ދެބަސްވެވަޑައިގެންފައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު ހާމަކުރައްވައި އާންމުކުރި ތަފާސްހިސާބުގައި، އިސްރާއީލުން ދިން ހަމަލާތަކުގައި 13،000 އެއްހާ ޓެރަސްރިސްޓުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެންނެވެ. މިއާއެކު ފެށުނު ހުއްޓުމެއް ނެތް ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން