ސޮއިކުރުމުގެ ރަސްމިއްޔާތު
ސޮއިކުރުމުގެ ރަސްމިއްޔާތު
އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށުމަށް ވިޓޯލް ގުރޫޕާއެކު މިއަދު އެސްޓީއޯއިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓާމް ޝީޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. ވިޓޯލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ.

މި ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ މި މަޝްރޫއާއެކު ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވާނެކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވަށް އިތުރުކަމެއް އަންނާނެކަމަށާ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ އެސްޓިއޯގެ އާމްދަނީ އާއި ފައިދާ އިތުރުވާނެކަމަށް ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ ރާއްޖެ މި އޮތީ ބަންކަރިންއަށް އެންމެ ރަނގަޅު ސަރަހައްދުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެ ބޮޑު ބަންކަރިން ހަބަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

ވިޓޯލް ގްރޫޕަކީ ހަކަތައިގެ ވިޔަފާރިކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު، އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔަރުގެ އިތުރުން ސިންގަޕޯރގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

އެސްޓީއޯ އިން ބުނީ، ވިޓޯލް އާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރަކިން ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ.

އަދި އެސްޓީއޯ ވެގެންދާނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދިނުމަށް އޮގަސްޓު 10, 2023 ގައި އެސްޓީއޯއިން ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކުވެސް ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މިއަދު ވިޓޯލް އާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެ ފަހުމުނާމާއަށް ވާނެ ގޮތެއް އެސްޓީއޯ އިން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން