ބަދުއަހުލާގީ ކަންކަމަށް ހިތްވަރުދީ ހަށިވިއްކުމުގެ ކަންކަން ކުރިއަށްގެންދިޔަ ޓެލެގްރާމް ޗެނަލްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލެރީ، ޖަޒީރާ ސްކޭމް ގާލް އަދި ޖަޒީރާ ލިންކް ހަބަރު" ގެ ނަމުގައި 2023 އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާރޗް 6 ވަނަ ދުވަހު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ފުލުހުން ބުނީ އެއީ 28 އަހަރުގެ ފިރިހެނަކާ 39 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އެ މީހުން ހައްޔަރު ކޮށްފައިވަނީ އެ ދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް އެ މައްސަލައާއި ގުޅުންހުރި ބައެއްތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހުކަމަށް ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރު ހެކިވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ ޗެނަލްތައް މިހާރުވަނީ ސީޒްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ވިދާޅުވިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންނަށް ފުލުހުންވަނީ މަނީ ލޯންޑްރިންއާއި ޑްރަގް ޓްރެފިކިން، ހަށިވިއްކުން، ހަށިވިއްކުމަށް ހިތްވަރުދިނުން އަދި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށުގެ ދައުވާކުރަން ތައްޔާރުވެފައެވެ.

ފުލުހުން މިރޭބުނީ އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ފުރަތަމަ 5 ދުވަހަށް ހައްޔަރުކުރުމަށް ހުކުމް ކުރިކަމަށާއި އަދި ދެވަނަ ފަހަރަށް ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން