2024 އިން 2025 އަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރު ކަމަށެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ 6 ޑިރެކްޓަރުންކަމަށެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެއް ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނީގެ ހިއްސާދާރަކަށްވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 30 އަހަރު ވެފައިވުމާއި، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުމެވެ.

އަދި ހިއްސާދާރަކީ ކުންފުންޏެއްނަމަ، މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުމާއި، ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުމުގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 1 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން ހިމެނެއެވެ.

މީގެ އިތުރުން މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން ނުވަތަ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުޠުހަމަވާ ފަރާތަކަށްވުމާއި، ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަގާމު އަދާކުރުމަށް ގާނޫނަކުން ނުވަތަ ޝަރުއީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުތު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިތުރު ޝަރުޠުތަކެއް ވަނީ ހިމަނާފައެވެ.

ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު، އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 08 އޭޕްރީލް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކޮށް، ކުންފުނީގެ މައި އޮފީހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެސްޓީއޯއިން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން