ގިނަ މީހުން ބޭނުންވަނީ ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފް ސުވާލު ކުރެއްވީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ކޮށްފާނެ ނުރަނގަޅު އަސަރަކަށް ނުބަލައި މި ސަރުކާރުން އެކަޑަމިކް ކަލަންޑަރު ބަދަލުކޮށް ދިރާސީ އަހަރުގެ ފެށުން ޖެނުއަރީމަހަށް ބަދަލު ކުރީ ކީއްވެތޯ އޮޅުން ފިލުވުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރީ ދިރާސާ ކުރުމަށްފަހު، އެކަމުން ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑުކަމަށް ފެންނާތީ ކަމަށެވެ.

އެގޮތުން، 30،000 މީހުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ކުރިން އޮތް ގޮތަށް، ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ދިރާސީ އަހަރު ބަދަލު ކުރަން 70 އިންސައްތަ މީހުން ބޭނުންވާ ކަމަށް އެދިރާސާއިން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ދިރާސީ އަހަރު ބަދަލު ކުރީ، އެގޮތަށް ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންވެސް ނޭދެނީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"(ދިރާސީ އަހަރު ބަދަލު ކުރި) އެއް ސަބަބަކީ ދިވެހިރާއްޖޭގެ ބަޖެޓް އިޔާއަށް އެކަޑަމިކް އިޔާ ނޫނީ ފިސްކަލް އިޔާއަށް އެކަޑަމިކް އިޔާ އެލައިން ކުރުން." ޝަފީއު އިތުރަށް ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީގައެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން ދިރާސީ އައުއަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭގައި ފަށާގޮތަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ދިރާސީ އާ އަހަރު ޖަނަވަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން