ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހެއް ކުރިޔަށް ދަނީ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހެއް ކުރިޔަށް ދަނީ
ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އަށް 78.5 މިލިއަން ރުފިޔާ ދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަަލަން ހައިކޯޓުން ސިވިލްކޯޓަށް އަންގައިފިއެވެ.

ބިގަށް 78.5 މިލިއަން ރުފިޔާ ދޭން ޕީއެސްއެމްގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަަލަން ސިވިލްކޯޓަށް އަންގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ.

މި މައްސަލައަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހަތެއް މާޗް 2010 ގައި ވެފައިވާ އެއްބަސްވުމެއްގެ މައްސަލއެވެ.

މި މައްސަލަ ބެލުމަށްފަހު ހަތެއް ޖޫން 2016 ގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ، އެ އެއްބަސްވުމުގެ ދަށުން ބިގަށް ދައްކަންޖެހޭ 5,644,874/88 ރުފިޔާ އާއި، 22 އޮކްޓޫބަރު 2012 ގައި ބިގް އިން ޕީއެސްއެމަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުގެ މަތިން އެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ހަތެއް ޖޫން 2016 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 72,931,785 ރުފިޔާއާއެކު ޖުމުލަ 78,576,659/88 ރުފިޔާ ބިގަށް ދައްކަން ޖެހޭކަން ސާބިތުވާ ކަމަށެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ވަނީ ޕީއެސްއެމުން 3 ޕޭމަންޓް ވައުޗަރެއް އިޝޫކޮށް، ޖުމްލަ ތިރީސް މިލިއަން ރުފިޔާ ބިގަށް ދައްކާފައިވާ ކަމަށެވެ.

“މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި މައްސަލައަކީ ހުށައަޅާފައިވާ އެއްބަސްވުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ދައުރަކީ ކޮބައިކަން ޤާއިމުކުރަންޖެހޭ މައްސަލައެއްކަމުން މި މައްސަލާގައި މަސްލަޙަތު ބޮޑުކަމުގައި ފެންނަނީ ދަށުކޯޓުގައި އިސްތިއުނާފު ކުރާ ފަރާތަށް ބަސްބުނުމުގެ ފުރުސަތުދީ ޝަރީޢަތް ކުރެވުމުގެ ޙައްޤު ދިނުން ކަމަށް ފެނެއެވެ.” ހައި ކޯޓުގެ ނިންމުމުގައިވެއެވެ.

އެހެންކަމުން ހައިކޯޓުން މިއަދު ވަނީ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް އަންގައި މައްސަލަ އެކޯޓަށް ތަހުވީލު ކުރުމަށް ނިންމާފައެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝަފީޢު އާއި ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ނިޔާޒް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން