72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު (ވ)
72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު (ވ)
މައްސަލައެއްގައި ހުކުމް ކުރުމުގެ ކުރިން ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށް ޙުކުމުގެ މުއާލާތް ކަނޑާލައިގެން ނުވާނެކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 7 ޑިސެމްބަރު 2020 ގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހުކުމުގައެވެ.

މައްސަލައިގެ ޙުކުމް އިއްވަމުން ފަނޑިޔާރު ސުޢޫދު މިއަދު ވިދާޅުވީ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑް ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާކުރުމުގައި ވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ މީގެކުރިން ސުޕްރީމް ކޯޓުން ބެލި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.

އަދި ޝަހީބު މައްސަލައިގެ ހުކުމުން ކަނޑައަޅާފައިވާ ތަރަހައިގެ ބޭރުން މުއްތަހަމްގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީއަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާކަންކަމަށް އޭނާގެ ބަންދު މުރާޖާކުރުމުގައި ރިއާޔަތްކޮށްގެން ނުވާނެ ކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

އެގޮތަށް އެކަމަށް ރިއާޔަތްކުރެވި މުއްތަހަމް ރިމާންޑް ބަންދުން ދޫކޮށްލާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރީއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރީއަތުގައި އޮންނަ މައްސަލައަށް އަސަރުކުރާނެ ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން ޝަރީއަތްކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އެހެކިތަކާ މެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށްވެސް މައްސަލައިގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.

"ހެކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތް ކެނޑި، މުޅި ޝަރީއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރުވާނެއެވެ." ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ޙުކުމުގައިވެއެވެ.

ޙުކުމުގައި ވަނީ، ރިމާންޑް ބަންދު މުރާޖައާ ކުރުމުގައި އަސްލު މައްސަލައިގެ ޝަރިއަތުގައި ހިނގާ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް، ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ އިރުފާން އަލުން ބަންދުކުރަން އަންގައިފައެވެ. އަދި، ހަތް ދުވަހުގެ ތެރޭގައި އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ ދަށު ކޯޓުން ކަނޑައަޅަން ވަނީ އަމުރުކޮށްފައެވެ.

މީގެކުރިން އިރުފާންގެ ބަންދު މުރާޖައާކޮށްދޭން ދަޢުލަތުން އެދުމުން އޮކްޓޫބަރު 3، 2023 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ. އަދި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ޑިސެމްބަރު 20، 2023 ގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

"މަސްޖަރީ 2" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި 10 މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން