ސީރިޔާގައި ހުންނަ އިރާން އެމްބަސީއަށް އިސްރާއީލުން ހަމަލާ ދީފިއެވެ.

މި ހަމަލާދީފައިވަނީ އިސްރާއީލުން ހިފާފައިވާ ސީރިޔާގެ ގޯލާން ހައިޓްސް ސަރަހައްދުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިހަމަލާ އަމާޒުކޮށްފައިވަނީ ސީރިޔާގައި ހުންނަ އިރާން އެމްބަސީ އާއި ޖެހިގެން ހުރި އަސްކަރީ އިމާރާތަކަށެވެ. ނަމަވެސް މި ހަމަލާގައި ގެއްލުން ލިބުނީ އިރާން އެމްބަސީ ހުންނަ ގޯތި ތެރޭގައި ހުރި ކޮންސިއުލާރ އިމާރާތަކަށެވެ.

މި ހަމަލާ އާއި ގުޅިގެން ސީރިޔާއަށް ކަނޑައަޅާފައި ހުންނަ އިރާންގެ އެމްބެސެޑަރ ހޮސެއިން އަކްބާރީ ވިދާޅުވީ ހަމަލާގައި ގެއްލުން ލިބިފައިވަނީ ކޮންސިއުލާރ އިމާރާތަށް ކަމަށާއި، އަދި މި ހަމަލާގެ ބަދަލު އިރާނުން ހިފާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިރާން ރެވެލޫޝަނަރީ ގާރޑް ކޯޕްސް ގެ 7 ގާރޑަކުވެސް ވަނީ މަރުވެފައެވެ.

ސީރިއާގައި ތިބި އީރާނުގެ އަސްކަރީ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ހޯމަ ދުވަހުގެ ހަމަލާއަކީ އެމްބަސީ ފަދަ ތަނަކަށް އިސްރާއީލުން ހަމަލާ ދިން ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހަމަލާ އާއެކު، ސީރިޔާ ގެ ފޮރިން މިނިސްޓަރގެ އިތުރު، އިރާގް، ޖޯޑަން، އޮމާން، ޕާކިސްތާން، ޤަތަރު، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ރަޝިޔާ އިން ވަނީ މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ސީރިއާގައި ހުންނަ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާއި އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރު އެޅި ހިޒްބުالله ޖަމާއަތަށް ދޭ ވައިގެ ހަމަލާތައްވެސް ވަރުގަދަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން