ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރަށްވާ ކުރީގެ ޓެލެކޮމް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާ ރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލްގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުލިބެއެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ރައީސް ޔާމީނާއެކު މިރޭ ބޭއްވުމަށް ކުރިން ތާވަލު ކުރިނަމަވެސް ފަހުން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފައެވެ. އެ ޖަލްސާ ކެންސަލް ކުރީ ދަޢުލަތުގެ ބައެއް އިދާރާތަކުގެ އެއްބާރުލުން ނުލިބިގެންކަމަށް އެޕާޓީން ފަހުން ވަނީ ބުނެފައެވެ.

އެޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޕީއެންއެފުން ބުނެފައިވާތީ، ކަރެކްޝަނުން ބުނެފައިވަނީ ޖަލްސާގައި ބައިވެރިވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އޮންލައިންކޮށްވެސް އަދި ޖަލްސާ ބާއްވާތަނަށް ޙާޟިރުވެގެން ވިޔަސް އެޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ރައީސް ޔާމީނަށް ދީފައި ނުވާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތްކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ. އެ މައްސަލައިގެ އިސްތިޢުނާފް އަޑުއެހުންތައް ހައިކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ރައީސް ޔާމީންގެ ބަންދަށް ރައީސް ޞާލިޙްގެ ސަރުކާރުން ދިން ލުއިތަކާއެކު، މިހާރު އެމަނިކުފާނު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން