ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް 85 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދީފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ގޭބިސީތަކަށް ހިލޭ ބެހުމަށްޓަކައި ހަނޑުލާއި ފުށް ގެނެސްފައި ވަނީ ރާއްޖޭގައި 90،000 ގޭބިސީ ހިމެނޭ ކަމަށް ބަލައިގެން ކަމަށެވެ. އަދި އޭޣެ ތެރެއިން 85 އިންސައްތަ ގޭބިސީއަށް ކާޑު ފޯރުކޮށް ދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިއުލާންކުރައްވާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދައިގެ ކުރިން 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް، ސަރުކާރުން ދެއްވާނެ ކަމަށެވެ.

އެސްޓީއޯއިން ކާޑު ބެހުމުގެ މަސައްކަތް ކުރަމުންދާއިރު ރަށްރަށުގައި އެމަސައްކަތް ކުރަމުންދަނީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ގޭބިސީތަކަށް ކާޑު ދޫކުރަނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން