ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަލުން މިނިވަން ނުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުގެ ކުރިން، ރައީސް ޞާލިޙް އަރިހުގައި ރައީސް މުޢިއްޒު އެދިވަޑައިގެންނެވިކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ޕީއެންއެފުން ބާއްވާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލީ ދުވަހަށް ފަހު، އޮކްޓޯބަރު އެކެއްގައި ޞާލިޙް އެމަނިކުފާނުގެ ކެބިނެޓާއެކު ބޭއްވެވި ބައްދަލުވުމުގެ ޔައުމިއްޔާ ހާމަކުރަން މި ސަރުކާރަށް ގޮވާލައްވައިފައެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން މިނިވަން ނުކުރުމަށް ރައީސް މުޢިއްޒު އެދިވަޑައިގަންނަވާފައި ވާކަމަށް އެ ޔައުމިއްޔާއިން ފެންނާނެކަމަށެވެ.

"...ޔައުމިއްޔާ ހާމަކޮށްފިނަމަ އޮންނާނީ މިހެން. މިއަދު ހެނދުނު، އެއީ އެކެއް އޮކްޓޯބަރު 2023 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި އިންތިޚާބީ ރައީސް މުއިއްޒު ތިމަންމަނިކުފާނަށް ގުޅުއްވިއޭ. ގުޅުއްވާފަ ވިދާޅުވިއޭ ރައީސް ޔާމީން މިނިވަން ނުކުރާށޭ. އެއީ ތިމަންނަ ހަވާލު ވުމަށްފަހު ތިމަންނަ މިކަން ކުރާނަމޭ،" މަލީހު ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ، މުޢިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ދުވަހު އެރޭ ޔާމީންގެ ސަޕޯޓަރުން އެއްވެ އެމަނިކުފާނު މިނިވަންކުރަން ގޮވާލިކަމަށެވެ. ނަމަވެސް، އެ އެއްވުން ހުއްޓާލަން ރައީސް މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުއްރަހީމް ޢަބްދުﷲ ވެސް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވިކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް މިރޭ ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް މުޢިއްޒާއި ހަވާލުކުރީ އެންމެ ޒިންމާއެއް ކަމަށާއި ނަމަވެސް އެކަމަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އަޒުލުކުރަން ބޭނުންވާކަމަށް މަލީހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން