ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް އެޗް.ޑީ.ސީން ނިންމައިފިއެވެ.

އެޗް.ޑީ.ސީން މިއަދު ބުނީ ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.

“ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.” އެޗް.ޑީ.ސީން ބުނެފައިވެއެވެ.

އެޗް.ޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށީގައި ލޭންޑް ސެލްތަކެއް ހައްދަވާނެ ކަމަށާއި އެ ބިންތައް ޚާއްސަކުރާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ކަމަށެވެ.

ފަޒުލް ވަނީ ތިލަފުށިން ދެން ބިން ވިއްކާނީ ހަމަ އެކަނި ދިވެހިންނަށް ކަމަށާއި މީގެ ފަހުން ބޭރުގެ ފަރާތްތަކަށް ތިލަފުށިން ބިން ނުވިއްކާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.



އަދި އެޗްޑީސީގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދާއިމީ ގޮތަކަށް އެކަން ކުރެވޭނެ ނިޒާމަކަށް ތިލަފުށިން ދޫކުރާ ބިންތަކުގެ ކަންކަން ބައްޓަން ކުރުން ކަމަށާއި އަވަސްއަވަހަށް ކުއްޔަށް ނުގެނެވޭ ފަދަ އިންތިޒާމެއްް ހަމަޖައްސާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓަޕްލޭންގެ ދަށުން މިހާރު ވަނީ ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން