ދެވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާ ސިފައިންގެ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު ފްލެޓްތަކުގެ ވެރިންނަށް ދީފިއެވެ.

3 ޓަވަރަކަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި ފްލެޓްތަކަކީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅި މަޝްރޫޢެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައިވަނީ 2023 ގައެވެ.

ސިފްކޯ ހިޔާގެ ފްލެޓުތައް ޙަވާލުކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފްލެޓްތައް ގިނަބަޔަކު ކުއްޔަށް ދީފައިވާއިރު ބައެއް ފްލެޓްތައް ކުއްޔަށް ދޫކުރާކަމުގެ އިޝްތިހާރުވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެއްބަސްވުމާ ހިލާފަށް ފްލެޓުތައް ކުއްޔަށް ދީފައިވާ ފަރާތްތަކަށް ފްލެޓް އަތުލާނެކަމުގެ އިންޒާރުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް އަތުނުލާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ސިފްކޯ ހިޔާގެ މަޝްރޫޢު ނިމުމާއެކު ސިފައިންނަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި، ސިފްކޯ ހިޔާ ވެގެންދާނީ ސިފައިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަމާއެކު ދިރިއުޅެވޭނެ ފަދަ ހިތްގައިމު މާހައުލަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ސިފައިންގެ ތިން ޓަވަރު ޢިމާރާތް ކުރުމަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން