ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ “ސްޓެމް” ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، އެދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރަށްވަމުން މެޑަމް ސާޖިދާ ވަނީ އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި “ސްޓެމް ކޮމިއުނިޓީ”އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މެޑަމް ސާޖިދާ މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމަށާއި، ހަޔާތުގެ ދެން އޮތް މައިދާނަށް ދަރިވަރުން ނިކުންނައިރު އެންމެންގެ ތަފާތުތައް ގަބޫލު ކުރުމަށާއި، އެކަކުވެސް ބާކީ ނުކޮށް ވަޒީފާ އަދާކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި މިއަދު ސަނަދު ޙާސިލް ކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ 28 ދަރިވަރުންނާއި ސްކޫލް އޮފް ނަރސިންގެ 94 ދަރިވަރުންނެވެ.

ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދާއިރު، ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން