ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގެ ތަހުގީގަށް އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން" ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އިން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އެފަދަ ފަރާތެއް ވާނަމަ އެމައުލޫމާތުތައް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު، 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފަހަކަށް އައިސް ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ގެނެސްދިނުމުގެ ނަމުގައި "މޯލްޑިވްސް ވޭވް" ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފަ އެވެ.

ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި "މޯލްޑިވްސް ވޭވް" ކުންފުނި އުފައްދާފައިވަނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަކީ "މޯލްޑިވްސް ވޭވް" ކުންފުނީގެ ސަބްސިޑަރީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން