ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާނު ކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހިންގަމުންދިޔަ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ ކިޔެވުން ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނިންމި ނިންމުން ރިވިއު ކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

ޤައުމީ ޔުނިވަރސިޓީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖޫން މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ އިތުރުން ޓީޗީން ހޮސްޕިޓަލާއި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގ އިމާރާތްކޮށް ދޭނެ ބަޔަކު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ވަނީ މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށް ކަމަށެވެ.

ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުންނެވެ.

މެޑިކަލް ސުކޫލަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ ތަނެކެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްގީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއް ގޮތަށް، ބަލި މީހުންނަށް ޚިދުމަތްދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާ އެކުގައެވެ. އެ ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ.

އޭގެ އިތުރުން، ހުޅުމާލޭގެ 69912.28 އަކަމީޓަރުގެ ސަރަހައްދެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން ޚާއްސަ އިމާރާތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު އެތަނުގައި އެކަމަޑޭޝަން ބްލޮކްއާއި ކުޅިވަރު ކުޅުމަށް ޚާއްސަ ސަރަޙައްދަކާއި ކޮންފަރެންސް ހޯލްފަދަ ދަރިވަރުންނަށް މުހިއްމު ތަންތަން ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވަސިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން